އެލައިޑް އިންޝުއަރަންސްގެ އިޖްތިމާއީ ޒިންމާއަށް ޚާއްސަ ކުރެވިފައިވާ "ޕްރިމިއަމް ފޯ ގުޑް"ގެ ދަށުން ކޮމިއުނިޓީ ޑިވެލޮޕްމަންޓް ހަބް ޕްރޮގްރާމެއް އިފްތިތާހުކޮށްފި އެވެ.

ޔޫއެންޑީޕީ އާއި އުރިދޫ މޯލްޑިވްސްއާ ގުޅިގެން، އެލައިޑުން ކުރިއަށް ގެންދާ ޕްރޮގްރާމް އިފްތިތާހުކުރީ ބ. މާޅޮހުގައި އެ ކުންފުނިން ގާއިމްކުރި ކޮމިއުނިޓީ ހަބް ސެންޓަރު ހުޅުވުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގަ އެވެ.

މާޅޮހުގައި ހުޅުވި ކޮމިއުނިޓީ ހަބް ސެންޓަރަކީ، މި ޕްރޮގްރާމްގެ ދަށުން ހުޅުވި އެންމެ ފުރަތަމަ ސެންޓަރެވެ. އެ ސެންޓަރު ހުޅުވީ އެ ރަށު ސްކޫލުގައި، ޒަމާނީ ވަސީލަތްތަކާއި އެކު އެވެ.

އެލައިޑުން ބުނީ، މާޅޮހުގައި ހުޅުވުނު ސެންޓަރުން ތަފާތު ދާއިރާތަކަށް ހާއްސަ ތަމްރީން ޕްރޮގްރާމްތައް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ.އެގޮތުން، އެކި އުމުރު ފުރާގެ މަސައްކަތް ތެރިން ބައިވެރިވެވޭ ގޮތަށް ކުރިއަށް ގެންދާ ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށް ހަމަޖެހިފައި ވަނީ ޔޫއެންޑީޕީގެ އިލްމީ އަދި ފަންނީ ތަޖުރިބާކާރުން ކަމަށް އެ ކުންފުނިން ބުނެ އެވެ.

މާޅޮހު ކޮމިއުނިޓީ ޑިވެލޮޕްމަންޓް ހަބް ސެންްޓަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އެލައިޑްގެ އަންޑަރ ރައިޓިން މެނޭޖަރު އަހުމަދު ޝާބިގް ވިދާޅުވީ، މިއީ ރަަށުގައި ހުރެގެން ކޮންމެ މަސައްކަތްތެރިއަކަށް ވެސް އެމީހެއްގެ ހުނަރު ޓެކްނޮލޮޖީ މެދުވެރިކޮށް ކުރިއަރުވާ ތަރައްގީ ކުރުމަށް އެހީތެރިވެދިނުމަށް އެ ކުންފުނިން ފެށި މަޝްރޫއެއް ކަމަށެވެ.

މާޅޮހުގައި އެލައިޑުން ގާއިމްކުރި ކޮމިއުނިޓީ ހަބް ސެންޓަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.

އުރީދޫގެ ޑިރެކްޓާ އޮފް ސޭލްސް އެންޑް ބްރޭންޑް މުހައްމަދު ނިޔާޒު ވިދާޅުވީ، އެލައިޑުން ފަށާފައިވާ ކޮމިއުނިޓީ ޑިވެލޮޕްމަންޓް ހަބް ޕްރޮގްރާމްގެ ބައިވެރިއަކަށް ވުމުގެ ފުރުސަތު އެ ކުންފުންޏަށް ލިބުނުކަމަށްޓަކައި އުފާކުރާ ކަމަށެވެ. އަދި މި ޕްރޮގްރާމާއި އެކު އެކުންފުނީގެ މައިގަނޑު އެއް އަސާސްކަމުގައިވާ ޒަމާނީ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ރައްޔިތުންގެ ދިރިއުޅުން ފާގަތިކުރުމުގެ މަސައްކަތައް އިތުރުވި މުހިންމު ބޮޅެއް ކަމަށް ނިޔާޒް ވިދާޅުވި އެވެ.

މާޅޮހުގެ ކޮމިއުނިޓީ ހަބް ސެންޓަރަށް ބޭނުންވާ އިންޓަނެޓްގެ ޚިދުމަތް ފޯރުކޮށްދޭނީ އުރީދޫންނެވެ. އަދި މި ޕްރޮގްރާމް ތަކުގައި އާންމުން ބައިވެރިވުމަށް ހިތްވަރުދިނުމުގެ ގޮތުން އުރީދޫން ވަނީ އެ ސެންޓަރުން ތަމްރީންވެގެން އަންނަ ކުދިންނަށް މަސައްކަތުގެ މާހައުލުގެ ތަޖުރިބާ ހޯދުމަށް އިންޓަރންޝިޕް ފުރުސަތުތައް ފަހިކޮށްދޭނެ ކަން އިއުލާނު ކޮށްފަ އެވެ.

އާންމުންގެ ތަރުހީބު ލިބެމުންދާ ވަރަކުން، ކުރިއަށް އޮތް ތަނުގައި ވެސް އަތޮޅު ތެރޭގެ އެކި ސަރަހައްދު ތަކުގައި މިފަދަ ސެންޓަރުތައް ގާއިމްކުރުމުގެ މަސައްކަތް ކުރިޔަށްގެންދާނެ ކަމަށް އެލައިޑުން ބުނެ އެވެ.