02 Sep 2018, 11:57
"ސިރްފް ތުމް" ފަދަ ބޮލީވުޑްގެ ކާމިޔާބު ފިލްމުތަކުން ކުޅަދާނަ އެކްޓް ދައްކާފައިވާ ސުޝްމީތާ ސެން އަހަރުތަކަށް ފަހު ބޮލީވުޑް ފިލްމެއް ކުޅެން ނިންމައިފިއެވެ.
މިސް އިންޑިއާ އަދި މިސް ޔުނިވާސް ވެސް ކާމިޔާބު ކޮށްފައިވާ ސުޝްމީތާ އެންމެ ފަހުން ބޮލީވުޑް ފިލްމަކުން ފެނުނީ 2010 ވަނަ އަހަރުއެވެ. އެއީ އަކްޝޭ ކަންނާ އާއި އަނިލް ކަޕޫރު އާ އެއްކޮށް "ނޯ ޕްރޮބްލަމް" އިންނެވެ.
އެއަށްފަހު އޭނާ ފިލްމަކުން ފެންނަން މިއުޅެނީ އަށް އަހަރު ފަހުންނެވެ. ރިޕޯޓްތައް ބުނާގޮތުގައި ސުޝްމީތާ ވަނީ އެ ފިލްމު ކުޅެން އެއްބަސްވެފައެވެ. އަދި އަހަރުގެ ފަހު ކޮޅު ފިލްމުގެ ޝޫޓިން ފަަށަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ހަބަރުތައް ބުނެއެވެ.
ފިލްމުގެ ނަން އަދި ހާމަކޮށްފައި ނުވި ކަމުގައިވިޔަސް އެ ފިލްމުގައި ސުޝްމީތާ ފެނިގެންދާނީ އަންހެން ފުލުހެއްގެ ރޯލުން ކަމަށް ހަބަރުތައް ބުނެއެވެ. އެ ފިލްމު ވާނީ ކްރައިމް ޑްރާމާ އަކަށެވެ.
ހަބަރުތައް ބުނާ ގޮތުގައި މި ފިލްމު ރަސްމީކޮށް އިއުލާން ކުރުން މި މަހުގެ ތެރޭގައި އޮންނާނެއެވެ. އެއަށްފަހު ފިލްމުގެ ކާސްޓުން ވެސް އެނގިގެންދާނެއެވެ.
ސުޝްމީތާ ކުޅުނު ކާމިޔާބު ފިލްމު ތަކުގެ ތެރޭގައި، "ބީވީ ނަންބަރު ވަން" އާއި "މެއި ހޫނާ" އަދި "މޭނޭ ޕިޔާރް ކިޔު ކިޔާ" ފަދަ ފިލްމުތައް ފާހަގަކޮށްލެވެއެވެ.
އަށް އަހަރު ފާއިތުވެ ދިޔަ އިރު ފިލްމަކުން ސުޝްމީތާ ނުފެނުނަސް އޭނާ ވަނީ ބައެެއް ޓީވީ ޝޯތަކުގެ އިތުރުން އިސްތިހާރުތަކުން ވެސް ފެނިފައެވެ.