ކުޅަދާން އެކްޓަރު ޖޯން އަބްރަހަމްގެ ކުރިޔަށް ފަށަން ހަމަޖެހިފައިވާ ފިލްމު "ބަތުލާ ހައުސް"ގެ ބަތަލާ އަކަށް މަރްނާލް ތާކޫރް ހަމަޖައްސައިފި އެވެ.

ޑްރާމާ ސިލްސިލާ "ކުމް ކުމް ބާގިޔާ" އިން ވިދާލި ބަތަލާ މަރްނާލް "ބަތުލާ ހައުސް" އަށް ހަމަޖައްސާފައި ވާއިރު އޭނާ ކުޅުނު ފުރަތަމަ ބޮޑު ފިލްމަކަށް ވާނީ އަންނަ މަހުގެ 14 ގައި ރިލީޒް ކުރަން ތައްޔާރުވަމުން އަންނަ ތަބްރޭޒް ނޫރާނީގެ "ލަވް ސޯނިއާ" އެވެ.

ނިކިލް އަދްވާނީ ޑައިރެކްޓްކުރާ "ބަތުލާ ހައުސް" އަކީ އިންޑިއާގެ ފުލުހުންނާއި އެ ގައުމުގައި އުޅުނު ޓެރަރިސްޓު ޖަމާއަތެއް ކަމަށްވާ އިންޑިއަން މުޖާހިދީންއާ ދެމެދު ހިނގި ކުރިމަތިލުންތަކެއް ދައްކަދޭނެ ފިލްމެކެވެ.

ބަތަލާ މަރްނާލް މި ފިލެމުން ފެނިގެންދާނެ ކަމަށް ހަބަރުތައް ބުނަމުން ދާއިރު އޭނާ ވަނީ ދާދި ފަހުން ވިކާސް ބާލްގެ ފިލްމް "ސުޕަ 30" ގެ ޝޫޓިން ނިންމާލާފަ އެވެ. އެ ފިލްމުގައި މަރްނާލް އާއި އެކު ފެންނާނީ ރިތިކް ރޯޝަން އެވެ.

"ބަތުލާ ހައުސް" ގައި ޖޯން ފެނިގެންދާނީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ޑީސީޕީ) ސަންޖީވް ކުމާރް ޔާދަވްގެ ރޯލުންނެވެ.

މި އަހަރުގެ މިހާތަނަށް ޖޯންގެ ދެ ފިލްމެއް ރިލީޒް ކޮށްފި އެވެ. އެއީ މިލަޕް މިލަމް ޒަވޭރީ ޑައިރެކްޓް ކުރި "ސަތިޔަމޭވް ޖަޔަތޭ" އާއި އަބީޝެކް ޝަރްމާ ޑައިރެކްޓްކޮށް މެއި މަހު ނެރުނު "ޕަރްމަނޫ: ދަ ސްޓޯރީ އޮފް ޕޮކްރާން" އެވެ.