02 Sep 2018, 09:30
"ޑަންގަލް" ފަދަ ފިލްމުތަކުން ބެލުންތެރިންގެ މަގުބޫލުކަން ހޯދާފައިވާ ބޮލީވުޑްގެ މަޝްހޫރު ބަތަލް އާމިރް ހާންގެ އަންހެނުން ކިރަން ރާއޯ ދެވަނަ ފިލްމެއްގެ ޑައިރެކްޝަން ފަށަން ތައްޔާރުވެއްޖެ ކަމަށް ހަބަރުތައް ބުނެފިއެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ކިރަންގެ ކުރިޔަށް އޮތް ފިލްމުގެ ސްކްރީންޕްލޭގެ މަސައްކަތް މިހާރު ވަނީ ނިމުމަކާ ކައިރިވެފައެވެ. ނަމަވެސް ކިރަން އެ ފިލްމުގެ ނަން އަދި އިތުރު އެހެން ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
ކިރަން ޑައިރެކްޓްކުރި ފުރަތަމަ ފިލްމު ރިލީޒްވެފައި ވަނީ 2010 ވަނަ އަހަރުއެވެ. އެއީ އޭނާ އަމިއްލަ ވާހަކަ އެއްގެ މައްޗަށް ތައްޔާރު ކުރި "ދޯބީ ގާތު" އެވެ. އެ ފިލްމަށް ބޮކްސް އޮފީހުގައި ދުއިސައްތަ ފަންސާސް ހަ މިލިއަން ރުޕީސްގެ ބޮޑު އާމްދަނީ އެއް ވަނީ ލިބިފައެވެ.
ކިރަން ބުނެފައިވާ ގޮތުގައި މިހާރު މިވަނީ އެހެން ފިލްމެއްގެ މަަސައްކަތް ފަށަންޖެހޭ ވަގުތު އައިސްފައެވެ. އަދި ދެވަނަ ޑައިރެކްޝަނަކަށް ތައްޔާރުވަމުން އަންނަތާ ހަތް ވަރަކަށް އަހަރުވެއްޖެ ކަމަށާއި އެ މަސައްކަތް ފަށަން މިހާރު މާ ލަސްވެސް ވެއްޖެ ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނަނީ ކުރީގައި ދަރިފުޅު ކުޑަ ވީމައި ފިލްމެއްގެ މަަސައްކަތް ނުފެށިފައި އޮތް ނަމަވެސް މިހާރު އެހެން ކިޔާފައި ހުރުމުގެ ފުރުސަތެއް ނެތް ކަމަށެވެ. އާމިރް އާއި ކިރަން 2005 ވަނަ އަހަރު ކައިވެނި ކޮށްފައި ވާއިރު އެދެމީހުންގެ ދަރިޔަށް މިހާރު ހަ އަހަރު ވެއްޖެއެވެ.
"ދޯބީ ގާތު"ގެ ފަހުން ފިލްމެއްގެ މަސައްކަތް ނުކުރި ނަމަވެސް ކިރަން ވަނީ އާމިރް އާއެކު ބައެއް ފިލްމުތައް ޕްރޮޑިއުސްކޮށްފައެވެ. "ޑަންގަލް" އަދި "ދިއްލީ ބެލީ" ފަދަ ފިލްމުތައް ހިމެނެއެވެ.
އުމުރުން 44 އަހަރުގެ ކިރަން މިހުރީ ދެވަނަ ޑައިރެކްޝަންގެ މަަސައްކަތް ފަށަން ހަމަ ތައްޔާރަށެވެ.