21 Sep 2011, 16:04
ސިވިލް ސާވިސްގެ މުވައްޒަފުންނަށް ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުން މަނާކޮށްފައި އޮތް، ސިވިލް ސާވިސްގެ ގާނޫނުގެ 53 ވަނަ މާއްދާ ބާތިލް ކުރުމަށް ހައިކޯޓުން ކުރި ހުކުމަށް ތާއިދުކޮށް ސުޕްރީމް ކޯޓުން އެ މާއްދާ ބާތިލުކޮށްފި އެވެ.
ސިވިލް ސާވިސް ކޮމިޝަންގެ ޤާނޫނުގައިވާ 53 ވަނަ މާއްދާ ޤާނޫނު އަސާސީގެ އަސާސީއާ ތައާރަޒުވާތީ އެމާއްދާ ބާތިލްކޮށްދިނުމަށް އެދި އެމައްސަލަ ހައިކޯޓަށް ހުށަހަޅާފައި ވަނީ މ. މުސަތުޅާގޭ މުހައްމަދު ހާނިމެވެ. ހާނިމް އެމައްސަލަ ހައިކޯޓަށް ހުށަހެޅުއްވީ ޑީއާރުޕީން ހަރަކާތެއްގައި ބައިވެރިވުމާ ގުޅިގެން އޭނާ ޔޫތް މިނިސްޓްރީގެ ހުންނެވި މަގާމުން ވަކިކުރުމާ ގުޅިގެންނެވެ.
ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގެ އިލްތިމާސްއަކަށް އެދި ހުށަހެޅި އެ މައްސަލާގައި އެ ކޯޓުން ބުނެފައި ވަނީ ސިޔާސީ ޕާޓީތައް އުފައްދައި، ހިންގައި ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު ގާނޫނު އަސާސީގެ 30 ވަނަ މާއްދާގެ ހ. އިން އެއްވެސް ގައިދެއް ނެތި މުތުލަގު ގޮތެއްގައި ލިބިދީފައިވާ ކަމަށެވެ. ނަމަވެސް ސިވިލްސާވިސްގެ ގާނޫނުގެ 53 ވަނަ މާއްދާގައިވާ ގޮތުން ސިޔާސީ އެއްވެސް ހަރާކާތެއްގައި ސިވިލް ސާވިސްގެ މުވައްޒަފަކަށް ބައިވެރިނުވެވޭނެ ކަމަށް ބުނެފައި އޮތް އޮތުމުން ގާނޫނު އަސާސީގެ 30 ވަނަ މާއްދާގެ ހ. އިން ކޮންމެ ދިވެހި ރައްޔިތަކަށްމެ ލިބިދީފައިވާ ހައްގުން ސިވިލް ސާވިސްގެ މުވައްޒަފުން މުޅިން މަހްރޫމްވެ، އެ ހައްގުން އެ މީހުންގެ ކިބައިން ނިގުޅައިގެންފައިވާ ކަމަށް ކޯޓު ހުކުމުގައިވެ އެވެ.
ހައިކޯޓުން ކޮށްފައިވާ ހުކުމަށް ތާއިދުކޮށް ސިވިލް ސާވިސް ގާނޫނުގެ 53 ވަނަ މާއްދާ އުވާލުމަށް ސުޕްރީކޯޓުގައި އެ މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ ތެރެއިން ހަތަރު ފަނޑިޔާރުންގެ ވަނީ ތާއިދުކުރައްވާފަ އެވެ.