02 Sep 2018, 09:08
މިހާރު އެންމެ ބާރަށް ސޯޝަލް މީޑިއާގައި ދައްކަމުންދަނީ ސިނަމާލެ ބްރިޖުގެ ވާހަކައެވެ. ބުރިޖު ބަލައިލުމަށް އާންމުންނަށް އިއްޔެ، ފުރުސަތު ހުޅުވާލި އިރު ގިނަ ބަޔަކު ވަނީ ބުރިޖަށް އަރައިފައެވެ. ވަކި ފިކުރެއް ވަކި ކުލައެއް ނެތެވެ. އެންމެންވެސް ހަމަ އެ ހިތްގައިމުކަން އަމިއްލައަށް ތަޖްރިބާކޮށްލުމަށެވެ.
ސިޔާސީ ފިކުރު އެއްފަރާތްކޮށް، ގައުމީކަމެއްގެ ގޮތުގައި ދެކިގެން ބުރިޖު ބެލުމަށް އެތައް ހާސް ބަޔަކު ވަނީ އިއްޔެއާއި ރޭ ބްރިޖަށް އަރައިފައެވެ.
ބްރިޖުގެ ހިނގާލުން ކުރިއަށްދިޔައިރު އެންމެ ބޮޑަށް އަޅައިގަތީ އިދިކޮޅުގައި އެންމެ ވަރުގަދައަށް ހަރަކާތްތެރިވާ "އެކްޓިވިސްޓް" ނައީމާ މުހައްމަދު (ނައީމާއްތަ) ސަރުކާރުގެ ވަޒީރުންނާ އެއްސަފެއްގައި ހުރެ ބްރިޖު މަތިން ހިނގާލާ މަންޒަރެވެ. އަދި އާންމުކޮށް ނައީމާއްތަގެ ކޮނޑުމަތިން ވައްޓާލައި އެއޮންނަ ރީނދޫ ސްކާފް ފެންނާކަށް ނެތެވެ.
ސަރުކާރަށް ތާއީދުކުރާ އެތައް ބަޔަކު ވަނީ ނައީމާއްތަ މިނިސްޓަރުންނާއި މަޖިލިސް މެންބަރުންނާ އެއް ހަމައެއްގައި ބްރިޖުމަތީ ހުރި ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.

ނައީމާއްތަ ޑރ. ޝަހީމް އަރިހު
ނައީމާއްތަ ބްރިޖުމަތީ ހުރި ފޮޓޯ ޓްވީޓްކުރައްވަމުން ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ، އެމްޑީޕީ ރެލީތަކުން އެންމެ އިސްކޮށް ފެންނަ ނައީމާއްތަ ރައީސް ޔާމީން ގައުމަށް ގެނެސްދެއްވި ތަރައްގީ ލޮލުން ދެކި އަތުން ހިފައިފި ކަމަށެވެ.
MDP ge Rally thakuga enmme Iss koh fenna L. Naeemaatha#RY2018Qaumah genesdhevvi Tharaggee Lolun dheki Athun Hifaifi.#SinaMaleBridge#YameenSaheem2018@Thoriqibrahim@mp_ibdidipic.twitter.com/KcPMIDWH07
— Ahmed Nihan (@ahmed_nihan)September 1, 2018
ނައީމާއްތަ މިނިސްޓަރުން އަރިހު ބްރިޖު މަތީ ހުރި ފޮޓޯތައް އާންމުވުމާއެކު ގިނަ ބަޔަކު ވަނީ، ނައީމާއްތަ "ފަޅި ބަދަލުކުރީތޯ" ސުވާލުކޮށްފައެވެ.
އެމްޑީޕީގެ އެއްވުންތަކުން އެތައް ފަހަރަކު ފުލުހުންގެ ހައްޔަރުގެ ދަށަށް ގޮސްފައިވާ ނައީމާއްތަ ވަނީ މީގެ ކުރިން ރައީސް ޔާމީންގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ލ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ޝަހީމް އާ ބައްދަލުކޮށްފައެވެ. ޝަހީމް އަރިހު ނައީމާއްތަ ހުރި ފޮޓޯތަކަށް ވެސް ސޯޝަލް މީޑިއާގައި ވަނީ ސަމާލުކަން ލިބިފައެވެ.
ނައީމާއްތަގެ ފިކުރު ބަދަލުވީތޯ ސުވާލު އުފައްދަމުން ދަނިކޮށް އެމްޑީޕީންގެ ސަޕޯޓަރުން ވަނީ ނައީމާއްތަގެ ވީޑިއޯއެއް ޓްވިޓާގައި އާންމު ކޮށްފައެވެ. އެ ވީޑިއޯގައި ނައީމާއްތަ ބުނަނީ، ފިކުރު ބަދަލު ނުވާ ކަމަށެވެ.
"ނައީމާއްތަ އަކަށް ނޫޅެވޭނެ އެހެން ތަނަކުއެއް. ނައީމާއްތަ ބުރިޖަށް ދިޔައީ [އެއީ] ނައީމާއްތަގެ ވެސް ބުރިޖެއް. ނައީމާއްތަގެ ވެސް ޓެކްސްް ފައިސާ ދައްކައިގެން އެޅީ،" އެ ވީޑިއޯގައި ނައީމާއްތަ ބުނެއެވެ.
ނައީމާއްތަ ބުނީ، ބްރިޖުމަތީ ނަގާފައި ހުރި ފޮޓޯ އަކީ، ފޮޓޯ ނަގަން އެދުމުން ނެގި ފޮޓޯތަކެއް ކަމަށެވެ. އަދި ފޮޓޯ ނަގަން ދެކޮޅު ނުހަދާނެ ކަމަށާއި، ހެޔޮ ހިތުން ސަރުކާރު ފަޅީގެ މީހުންނާ ވެސް ވާހަކަ ދައްކާނެ ކަމަށް ނައީމައްތަ އެ ވީޑިއޯގައި ބުނެއެވެ.
"ނައީމާއްތަ ޒާތީ ވެގެންނެއް ނޫޅޭނެ ވަކި ޔާމީން ދެކެވެސް. އެކަމަކު ނައީމާއްތަގެ ފިކުރު ހުންނާނީ އެމްޑީޕީގެ ފިކުރު. ނައީމާއްތަ އަކީ ވިކިގެންދާނެ މީހެއް ނޫން،" ނައީމާއްތަ ކިޔާދެއެވެ.
ނައިމާއްތަ ހުރީ އެމްޑީޕީ ދޫކޮށް ސަރުކާރާއި އެކުގައި ކަމަށް ބުނާ މީހުން އެ ހަދަނީ ދޮގެއް ކަމަށް ވެސް އެ ވީޑިއޯގައި ބުނެއެވެ. އަދި އެގޮތަށް ވާހަކަ ނުދެއްކުމަށް ނައީމާއްތަ ވަނީ އެދިފައެވެ.
ތަފާތު ފިކުރުތަކަށް ޖާގައޮތުމަކީ މައްސަލައެއް ނޫންކަން ނައީމާއްތަ މިވަނީ، ފިސާރި ރަނގަޅަށް ސާބިތުކޮށްދީފައެވެ. އަދި ކޮންމެ މީހަކު ގައުމުގެ ވެރިކަމުގައި ހުރެގެން ގެނަޔަސް، ގައުމަށް އަންނަ ތަރައްގީއަކީ ހަމަ މި ފަސްގަނޑުގައި ފައިއަޅާ ކޮންމެ މީހަކަށްވެސް އެއިން ފައިދާ ކުރާނެ ކަމެއްކަން ނައީމާއްތަ ގަބޫލުއެބަކުރެއެވެ.
ފިކުރު ބަދަލުވިޔަސް ގައުމީ ކަންކަމުގައި އެންމެންވެސް އަތުގުޅައިލާން ޖެހޭނޭކަން އެއީ، ނައީމާއްތަ އެންމެންނަށް ވެސް ދޭން ބޭނުންވާ މެސެޖުކަމަށް ވެދާނެއެވެ. ގައުމަށް އަންނަ ތަރައްގީއާއި ތަހްޒީބަކީ، ޒާތީ ކަމެއްގެ ގޮތުގައި ބަލައި އެއަށް ނޫނެކޭ ބުނެގެން ނުވާނޭކަމުގެ މެސެޖެވެ. އަބަދުވެސް "ފުރަތަމަ ގައުމު" މި ޝިއާރު އުފުލުމަށް ނައީމާއްތަވެސް ފަސް ނުޖެހޭނޭކަމުގެ ރިވެތި ނަމޫނާއެވެ.