02 Sep 2018, 08:36
ކާމިޔާބު ބަތަލާ ކަންގަނާ ރަނައުތުގެ ފިލްމު "މަނީކަރްނިކާ"އާ ގުޅޭ ޚަބަރެއް ފެންމަތި ނުވާ ދުވަހެއް މަދުވާނެއެވެ. ގިނަ ފަހަރަށް އެއީ މާ އުފާވެރި ޚަބަރުތަކަކަށް ނުވެއެވެ. އެންމެ ފަހުން ފެންމަތިވި ޚަބަރަކީ އެކްޓަރު ސޯނޫ ސޫދް، ފިލްމު ދޫކޮށްލި ވާހަކައެވެ.
ރިޕޯޓުތައް ބުނާގޮތުން ސޯނޫ ފިލްމު ދޫކޮށްލީ އޭނާގެ ތުނބުޅި ބާލަން ޖެހުމުންނެވެ. ސޯނޫ ވަނީ ތުނބުޅި އެއްކޮށް ބާލައިގެން ފިލްމުގެ މަންޒަރުތައް ޝޫޓުކޮށްފައެވެ.
ނަމަވެސް އެންމެ ފަހު ވަގުތު ފިލްމުގެ ސްކްރިޕްޓަށް ގެނައި ބޮޑެތި ބަދަލުތަކެއްގެ ސަބަބުން ގިނަ މަންޒަރުތަކެއް އަލުން ޝޫޓު ކުރަން ވަނީ ޖެހިފައެވެ.
މިހާރު ފިލްމުގެ މަސައްކަތާ ހަވާލުވެ، ޑައިރެކްޓަރެއްގެ ރޯލު ވެސް އަދާކުރަމުން އަންނަނީ ލީޑު އެކްޓަރު ކަންގަނާއެވެ. އަދި ކަންގަނާ ވަނީ އަލުން އެ މަންޒަރުތައް ނަގަން ސޯނޫއަށް އަންގައިފައެވެ.
ނަމަވެސް ސޯނޫ މިހާރު އަންނަނީ ރޯހިތު ޝެޓީގެ ފިލްމު "ސިމްބާ"ގެ މަސައްކަތް ކުރަމުންނެވެ. އެ ފިލްމަށް ސޯނޫ ވަނީ ހަތަރު މަސް ވަންދެން ތުނބުޅި ނުކޮށައި ދިގުކޮށްފައެވެ. އެހެންކަމުން ސޯނޫ ވަނީ "ސިމްބާ" ގެ ޝޫޓިން ނިމުމުން އަލުން "މަނީކަރްނިކާ"ގެ މަންޒަރުތައް ނަގަން އެދިފައެވެ.
ނަމަވެސް ކަންގަނާ އާ ދެމީހުންނަށް އެކަމާ އެއްބަސް ނުވެވިގެން ސޯނޫ އެންމެ ފަހުން ފިލްމު ދޫކޮށްލީ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ފިލްމު ދޫކޮށްލުމާ ގުޅޭގޮތުން ސޯނޫ ވަކި އެއްޗެއް ނުބުނަނީސް ކަންގަނާ ވަނީ ސޯނޫ ފިލްމު ދޫކޮށްލީ އަންހެން ޑައިރެކްޓަރަކާ އެކު މަސައްކަތް ކުރަން ބޭނުން ނުވެގެން ކަމަށް ބުނެފައެވެ.
ކަންގަނާގެ އެ ވާހަކަތަކާ ގުޅިގެން، ސޯނޫ ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. ސޯނޫ ބުނަނީ، ހަމަ ކޮންމެ ކަމެއްގައި ކަންގަނާ "ވިކްޓިމް" އަކަށް ވާން މަސައްކަތް ކުރާ ކުރުން ކުށްވެރި ކުރާ ކަމަށެވެ.
"ކަންގަނާ އަކީ އަހަރެންގެ ވަރަށް ގާތް އެކުވެރި އެއް. އަބަދު ވެސް އެކުވެރިކަން ދެމިއޮންނާނެ. އެކަމަކު ކޮންމެ ކަމެއްގައި ވުމަން ކާޑު އަދި ވިކްޓިމް ކާޑު ކުޅުން ހުއްޓާލަން ޖެހޭ. މައްސަލަ އަކީ ޑައިރެކްޓަރު އަންހެނަކަށް ވުމެއް ނޫން. މައްސަލައަކީ ޑައިރެކްޓަރުގެ ގާބިލުކަން،" ސޯނޫ ބުންޏެވެ.
އޭނާ ވަނީ މީގެ ކުރިން އަންހެން ޑައިރެކްޓަރުންނާ އެކު މަސައްކަތް ކޮށްފައި ވާކަން ފާހަގަކޮށްފައެވެ. އެގޮތުން ސޯނޫ، ޑައިރެކްޓަރު ފަރާ ޚާންގެ ފިލްމު "ހެޕީ ނިއު އިޔާ"ގައި ދީޕިކާ ޕަދުކޯން އަދި ޝާހްރުކް ޚާން އާއެކު ފެނިގެން ގޮސްފައެވެ.
"ފަރާ އަދި އަހަރެންގެ ގުޅުން ވަރަށް ޕްރޮފެޝަނަލް. އަދި ފަރާ އަކީ އަހަރެންގެ އެންމެ ގާތް އެކަކު. ހަމައެކަނި ބުނެލަން އޮތީ މިހެން،" ކަންގަނާއަށް ރައްދު ދީ ސޯނޫ ބުންޏެވެ.
"މަނީކަރްނިކާ: ދަ ކުއީން އޮފް ޖާންސީ" ރިލީޒް ކުރަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ޖެނުއަރީ 25ގައެވެ.