އޭޝިއާ ސަރަހައްދުގެ އެންމެ ވަރުގަދަ އެއް ޓްރެވެލް އަދި ލައިފްސްޓައިލް މެގަޒިން "ޓްރެވެލް އެންޑް ލެޝާ އިންޑިއާ"ގެ ފޮޓޯ ޝޫޓަކަށް ބޮލީވުޑްގެ ބަތަލާ ހުމާ ގުރައިޝީ 32، ރާއްޖެ އަތުވެއްޖެއެވެ.

ހއ. އަތޮޅުގައި އޮންނަ ހިތްގައިމު ހައިޑްއަވޭ ބީޗް ރިސޯޓްގައި، އެ މެގަޒިން ޝޫޓްކުރަމުން އަންނައިރު، މެގަޒިންގެ ކަވާ ފޮޓޯ މިހާރު ވަނީ އާންމުކޮށްފައެވެ.

ހައިޑްއަވޭ ރިސޯޓުގައި ޝޫޓް ކުރަމުން އަންނަނީ އެ މެގަޒިންގެ 12 ވަނަ އަހަރީ ދުވަހާ ގުޅިގެން ނެރޭ ޚާއްސަ އަދަދެކެވެ. އަދި އެ އަދަދުގައި ފެޝަންގެ ދާއިރާއިން، 12 ޕްރޮފެޝަނަލް ރިޕޯޓް ހިމެނޭނެ ކަމަށް ވަނީ ބުނެފައެވެ.

ފިލްމީ ދާއިރާއިން ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ ހުމާ އަކީ ކުޅަދާނަ މޮޑެލެއް ވެސް މެއެވެ. އޭނާ ކުޅެފައިވާ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި "ޖޯލީ އެލްއެލްބީ" އާއި "ހައިވޭ" ފަދަ ގިނަ ފިލްމުތަކެއް ހިމެނެއެވެ.