ވާވޭގެ އެންމެ ފަހުގެ ސްމާޓް ފޯން، ޕީ20 ޕްރޯގެ އާ ކުލަތަކެއް ބާޒާރަށް ނެރެފިއެވެ.

ސްމާޓު ފޯނުގެ ބާޒާރުގައި ކާމިޔާބީތައް ހޯދަމުން އަންނަ ޗައިނާގެ ކުންފުނިން ވަނީ ޕީ20 ޕްރޯގެ ޓްވައިލައިޓް ކުލަ އާ ވައްތަރު މޯފޯ އައުރޯރާ އާއި މަދަރ އޮފް ޕާލް ނުވަތަ ހުދު ކުލައިގައި ފޯން ނެރެފައެވެ.

އާ ކުލަތަކުގެ އިތުރުން ޗައިނާއަށް ޚާއްސަ ލެދާ ބެކް ފޯނު ވެސް ވާވޭއިން ވަނީ ޕީ20 ޕްރޯ ސީރީޒްގެ ދަށުން ނެރެފައެވެ. ވާވޭގެ ޕީ20 ޕްރޯއަކީ ދުނިޔޭގެ ފުރަތަމަ ލެއިކާ ޓްރިޕަލް ކެމެރާ ހިމަނާފައިވާ ފޯނެކެވެ.

އެ ފޯނުގައި ލެއިކާ ޑުއަލް ކެމެރާ ހިމެނިފައި ވާއިރު، މި ސީރީޒްގެ ފޯނުތަކުގެ އެޑްވާންސް ކެމެރާ ސިސްޓަމް މެދުވެރިކޮށް ޕްރޮފެޝަނަލް ފެންވަރުގައި ފޮޓޯ ނެގޭނެއެވެ.

ފޮޓޯގްރަފީ ފީޗާސް ތެރޭގައި، އޭއައި މެދުވެރިކޮށް ޕްރޮފެޝަނަލް ފޮޓޯ ނަގަން ބޭނުންކުރާ މާސްޓާ އޭއައިއާއި، އޭއައި މެދުވެރިކޮށް ފޮޓޯ އިމޭޖްތައް ސްޓޭބަލް ކުރާ ވާވޭ އޭއައިއެސް (އާޓިފިޝަލް އިންޓެލިޖެންސް އިމޭޖް ސްޓޭބަލައިޒޭޝަން) ހިމެނެއެވެ.

އެންޕީޔޫ ހިމެނޭ ކިރިން 970 ޕްރޮސެސާ އަދި އެންޑްރޮއިޑް 8.1 ގައި އީއެމްޔޫއައި 8.1 ޔޫސާ އިންޓަފޭސް މެދުވެރިކޮށް ވާވޭގެ ޕީ20 ފޯނުތަކުން ލިބޭ ތަޖުރިބާއަށް ވަނީ ފާހަގަ ކުރެވޭ ކުރިއެރުމެއް ހޯދާފައެވެ.