02 Sep 2018, 08:44
އިންޑިއާގައި ބޮޑު ކާމިޔާބެއް ހޯދި ސަލްމާން ޚާންގެ ބްލޮކްބަސްޓާ ފިލްމު "ސުލްތާން" ޗައިނާގައި ރިލީޒްކޮށްފިއެވެ.
ޖުލައި 2016ގައި އިންޑިއާގައި ރިލީޒް ކުރި ފިލްމު ޗައިނާގައި ރިލީޒްކޮށްފައި ވަނީ މިދިޔަ ހުކުރު ދުވަހުއެވެ. ފުރަތަމަ ދުވަހު އެ ފިލްމަށް ލިބިފައި ވަނީ 6.66 ކުރޯރު ރުޕީޒް (940،000 ޑޮލަރު) އެވެ.
ސަލްމާންގެ "ބަޖްރަންގީ ބާއިޖާން" އަށް ޗައިނާގައި ބޮޑު ތަރުހީބެއް ލިބުމުން، ޓްރޭޑް އެނަލިސްޓުން ވަނީ "ސުލްތާން" އަށް އެއަށް ވުރެ ބޮޑު ކާމިޔާބެއް ލިބޭނެ ކަމަށް ލަފާކޮށްފައެވެ. "ބަޖްރަންގީ ބާއިޖާން" އަށް ފުރަތަމަ ދުވަހު ޗައިނާ އިން 2.26 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނެވެ.
"ސުލްތާން" އަށް ޗައިނާއިން އުންމީދު ކުރި ވަރުގެ ތަރުހީބެއް ލިބެމުން ނުދާތީ ޓްރޭޑް އެނަލިސްޓުން ވެސް ތިބީ ހައިރާންވެފައެވެ.
"ސުލްތާން" އަކީ ރެސްލިންގެ މައްޗަށް އުފައްދައިފައިވާ ފިލްމަކަށް ވާއިރު، އެ ފަދަ އެހެން ފިލްމެއް ކަމަށްވާ އާމިރު ޚާންގެ "ދަންގާލް" ވަނީ ޗައިނާގައި ގިނަ ރެކޯޑުތަކެއް މުގުރާލައިފައެވެ.
އެހެންކަމުން ޗައިނާ އޯޑިއަންސަށް "ސުލްތާން" ކަމުދާނެ ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި ފިލްމަށް އުންމީދު ކުރި ވަރުގެ ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް ތަޖުރިބާކަރުން ލަފާ ކުރެއެވެ.
އަލީ އައްބާސް ޒަފަރު ޑައިރެކްޓުކޮށް އަނުޝްކާ ޝަރްމާ އަދި ސަލްމާން ލީޑު ރޯލުން ފެނިގެންދާ "ސުލްތާން" އަށް ވަނީ 300 ކުރޯޑަށް ވުރެ ބޮޑު އާމްދަނީ އެއް ލިބިގެން ގޮސްފައެވެ.