ކޮރަޕްޝަނުގެ މައްސަލައެއްގައި ޖަލަށްލާފައިވާ ބްރެޒިލްގެ ކުރީގެ ރައީސް ލޫލާ ޑި ސިލްވާ އަށް އެ ގައުމުގައި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރެއްވޭނެ ކަމަށް އެގައުމުގެ އިލެކްޓޯރަލް ކޯޓުން ނިންމައިފި އެވެ. ކޯޓުން އެގޮތަށް ނިންމާފައިވަނީ ލޫލާގެ މައްޗަށް ކޮރަޕްޝަންގެ މައްސަލައެއް ސާބިތުވެ، އެ މައްސަލާގައި ޖަލަށް ލާފައި ވާތީ އެވެ.

ރިޝްވަތު ހިފިކަމުގެ ކުށް ސާބިތުވެ ލޫލާ ގެންދަވަނީ 12 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އޮކްޓޯބަރު މަހު އޮންނަ ބްރެޒިލްގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ނިންމަވައި، ލޫލާ ގެންދެވީ ޖަލުގައި ހުންނަވައިގެން ކެމްޕެއިނު ކުރައްވަމުންނެވެ.

ހިޔާލު ހޯދުމުގެ ވޯޓުތަކުގައި އެންމެ ކުރީގައި އުޅުއްވަނީ ވެސް ލޫލާ އެވެ. އޭނާގެ ލޯޔަރުން ބުނީ އިންތިޚާބުގައި ވާދަ ނުކުރެވޭނަކަމަށް ކަނޑައަޅާފައިވާ ނިންމުން އިސްތިއުނާފު ކުރާނެ ކަމަށެވެ.

ލޫލާގެ ޕާޓީ ވޯކާސް ޕާޓީ (ޕީޓީ) އިން ބުނީ ލޫލާ އަށް އިންތިޚާބުގައި ވާދަކުރެވޭނެ ގޮތް ހެދުމަށް މަސައްކަތް ކުރާނެ ކަމަށެވެ. ކޯޓުގެ ނިންމުމާއެކު ލޫލާ އަށް ތާއީދު ކުރާ ގިނަބަޔަކު ދަނީ މަގުމައްޗަށް ނިކުމެ އިހުތިޖާޖު ކުރަމުންނެވެ.

ލޫލާ ވަނީ މީގެ ކުރިން 2003 އިން 2011 އަށް ބްރެޒިލްގެ ވެރިކަން ކުރައްވާފައެވެ. އަދި އެގައުމުގެ ގިނަ އަދަދެއްގެ މީހުން އޭނާ އަށް އަދިވެސް ތާއީދު ކުރާ ކަމަށް، ހިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކަ އެވެ.