ސައުދީ އަރަބިއާގައި އެޅުވި ފުރަތަމަ ބޮލީވުޑްގެ ފިލްމަކަށް އަކްޝޭ ކުމާރުގެ "ގޯލްޑް" ވެއްޖެ އެވެ.

ބޮކްސް އޮފީހުގައި 100 ކުރޯޑަށް ވުރެ ބޮޑު އާމްދަނީ އެއް ހޯދައިފައިވާ އެ ފިލްމު، ސައުދީގައި އެޅުވުމުން އަކްޝޭ ބުނީ އުފާވާ ކަމަށެވެ. އަދި އެ ގައުމުގެ ސިނަމާތަކުގައި އެޅުވި ފުރަތަމަ ބޮލީވުޑް ފިލްމަކަށް "ގޯލްޑް" ވުމުން ވަރަށް ހިތްހަމަޖެހޭ ކަމަށް އޭނާ ބުންޏެވެ.

ސައުދީގެ ސިނަމާތައް 35 އަހަރުކުރިން ބަންދުކުރުމަށް ފަހު އަލުން ހުޅުވީ މިއަހަރުގެ މެދު ތެރޭގަ އެވެ.

ރީމާ ކަތުގީ ލިޔެ، ޑައިރެކްޓްކޮށްފައިވާ "ގޯލްޑް" އަކީ ހަގީގީ ހާދިސާ އަކަށް ބިނާކޮށްގެން ކުޅެފައިވާ ފިލްމެކެވެ. ފިލްމުން ދައްކުވައިދެނީ އިންޑިއާގެ ހޮކީ ޓީމަށް ފުރަތަމަ ރަން މެޑައްޔެއް ލިބުނު ގޮތެވެ. ސަމާ އޮލިމްޕިކްސްގައި، 1948 ވަނަ އަހަރު ހޮކީ ޓީމު ބައިވެރިވެ އިންޑިއާގެ ކުޅުންތެރިން ރަން މެޑަލް ހޯދުމަށް ކުރި ބުރަ މަސައްކަތް އެ ފިލްމުން ފެނިގެންދެ އެވެ.

އަކްޝޭގެ ގޯލްޑަކީ މިއަހަރު ރިލީޒް ކުރި ފިލްމު ތަކުގެ ތެރެއިން 100 ކުރޯޑަށް ވުރެ ބޮޑު އާމްދަނީ އެއް ހޯދި ފިލްމުތަކުގެ ތެރެއިން އަށް ވަނަ ފިލްމެވެ.