ނަވާރަ އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ގްރީން ސްޓްރީޓްއާ ކްލަބު އީގަލްސް ކުޅުނު މެޗު އެއްވަރުވި އިރު، ނިއު ރޭޑިއަންޓްއިން މާޒިޔާގެ މައްޗަށް ކުރި ހޯދައިފިއެވެ.

ހުކުރު ދުވަހުގެ ރޭ ގަލޮޅު ދަނޑުގައި ކުޅުނު މެޗުގައި އީގަލްސްއާ ގްރީން ސްޓްރީޓު އެއްވަރުވީ 0-0 ގެ ނަތީޖާއިންނެވެ.

ރޭ މުބާރާތުގައި ނިއުއާ މާޒިޔާ ކުޅުނު މެޗުގައި ނިއުއިން މޮޅުވީ 1-0ގެ ނަތީޖާއިންނެވެ. އެ މެޗުގައި ނިއުއަށް ގޯލު ޖެހީ 10 ވަނަ މިނެޓުގައި ޔަޒްދާން އިބްރާހީމެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި މާޒިޔާއާ ދެކޮޅަށް ނުކުތް މެޗުގައިވެސް ގްރީން ސްޓްރީޓަށް ލިބުނީ ޕޮއިންޓެކެވެ. އެ މެޗު ނިމުނީ 1-1ގެ ނަތީޖާއިން އެއްވަރުވެގެންނެވެ. އެ މެޗުގައި ގްރީން ސްޓްރީޓްސްއަށް ގޯލު ޖަހައިދިނީ މެޗުގެ 17 ވަނަ މިނިޓުގައި އެ ޓީމުގެ ކެޕްޓަން މޫސާ އަޒީމް ހަސަނެވެ. މާޒިޔާއަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ މެޗުގެ 72 ވަނަ މިނިޓުގައި އެ ޓީމުގެ މުހައްމަދު ޝަޒާނެވެ.

މުބާރާތުގައި އީގަލްސް ކުޅުނު ފުރަތަމަ މެޗުން ވަނީ ނިއު ރޭޑިއަންޓްގެ މައްޗަށް ކުރި ހޯދައިފައެވެ. އެ މެޗުގައި ނިއުގެ ޔޫސުފް ޖައިޝަމް ނާފިޒުގެ ދެ ގޯލާއެކު އެ ޓީމު ލީޑުގައި އޮއްވާ، އީގަލްސްއިން ވަނީ ފަހަތުން އަރައި ހަތަރު ގޯލު ޖަހައިގެން މޮޅުވެފައެވެ. އީގަލްސްގެ ލަނޑުތައް ކާމިޔާބުކުރީ އަހުމަދު ސަމާހު، ހުސައިން އަހުސާމް މޫސާ އަދި އިބްރާހިމް އިލްހާން އިސްމާއީލެވެ. މެޗުގައި ސަމާހު ވަނީ ދެ ގޯލު ކާމިޔާބު ކޮށްފައެވެ.

ޔޫތު ޗެމްޕިއަންޝިޕުގައި ހަތަރު ޓީމު ވާދަކުރާއިރު، ލީގު އުސޫލުން ދެ ބުރު ކުޅުމަށްފަހު އެންމެ ގިނަ ޕޮއިންޓު ހޯދާ ދެ ޓީމު ފައިނަލުގައި ކުޅޭނެއެވެ.

މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ އެންމެ ފަހުން ބޭއްވި ތިން ފަހަރުގެ ޗެމްޕިއަންކަން ހޯދި އީގަލްސް އެވެ. އެހެން ނަމަވެސް، އޭރު މުބާރާތް ކުޅުނީ 21 އަހަރުން ދަށުގެ ކުޅުންތެރިން ހިމަނައިގެންނެވެ.