01 Sep 2018, 19:48
މާލެ އާއި ހުޅުލެ ގުޅުވައިދޭ ތާރީޚީ ބުރިޖުގެ މަސައްކަތް ފެށި ހިސާބުން ގިނަ ބަޔެއްގެ ހިތުގައި އުފެދުނު އެއް ޝައުގުވެރިކަމަކީ ފައިމަގުގައި އެ ބުރިޖު ހުރަސްކުރުމެވެ. ބުރިޖުގެ މަސައްކަތް ނިމި މިދިޔަ ބުރާސްފަތި ދުވަހުގެރޭ ބުރިޖު ރަސްމީކޮށް ހުޅުވުމާއެކު ބުރިޖު މައްޗަށް އަރައި، އެތަން "ތަޖުރިބާ" ކޮށްލަން ބޭނުންވި މީހުން ގިނަވި އެވެ.
އާންމު ދަތުރުފަތުރަށް ބުރިޖު ހުޅުވާލުމުގެ ކުރިން ބުރިޖު ބަލާލުމުގެ ފުރުސަތު އާންމުންނަށް ދޭން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އަދި ބުރިޖު ހުޅުވުމުގެ އުފާ ފާޅުކުރުމުގެ ހަރަކާތްތައް ހަތް ދުވަހަށް ކުރިއަށް ގެންދަން ނިންމައި ތަފާތު ހަރަކާތްތައް ވަނީ ރާވައިފަ އެވެ.
ގިނަ ބަޔަކު މިއަދު ވަނީ ސިނަމާލެ ބްރިޖަށް އަރާފައި --- ސަން ފޮޓޯ: ފަޔާޒު މޫސާ
މިއަދު ހަވީރުން ފެށިގެން މިރޭގެ ނިޔަލަށް "ބްރިޖު ވެދުމާ ދިޔުން" ގެ ނަމުގައި ހައުސިން މިނިސްޓްރީން ރާވައި، އެ ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލި އެވެ. މި ފުރުސަތުގެ ބޭނުން ހިފައި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ވަނީ އެ ހަރަކާތުގައި ބައިވެރިވެފަ އެވެ.
"މިދަނީ ބުރިޖަށް އަރާލަން މާލެ އަށް، ދެން ނުޖެހޭނެ މިހެން ފެރީގައި ދަތުރުކުރާކަށް،" ހުޅުމާލޭގައި ދިރިއުޅޭ މީހަކު މިއަދު ހަވީރު ފެރީގައި އިނދެފައި ބުންޏެވެ.
ބްރިޖު ހުރަސްކުރަން ވިލިމާލެ އިންނާއި ހުލުމާލެއިން ވެސް ގިނަ ބަޔަކު ވަނީ ކަނޑު ހުރަސްކޮށް މާލެ އައިސްފަ އެވެ. މާލޭގައި ދިރިއުޅޭ އެތައް ބަޔަކު ވެސް ވަނީ މި ހަރަކާތުގައި ބައިވެރިވެފަ އެވެ.
ހަވީރު ހަތަރެއް ޖަހާއިރު ބްރިޖު ވެދުމާ ދިޔުން ފެށިގެން ދިޔައިރު، އެތައް ސަތޭކަ ބަޔަކު ވަނީ ބޮޑުތަކުރުފާނު މަގު، ބްރިޖު ފެށޭ ސަރަހައްދަށް އެއްވެފަ އެވެ. ގައުމީ ހެދުމުގައި ކުޑަކުދިން ވެސް ތިބީ މި ތާރީޚީ ބްރިޖު މަތިން މާލެ ހުރަސްކޮށް ހުޅުލެ އަށް ގޮސްލަން ކެތްނުވެފަ އެވެ.
ގާތްގަނޑަކަށް ފަހެއް ޖެހި އިރު، ދަރުބާރުގެ ކައިރިން ކިޔުގައި ޖެއްސި މީހުންނަށް ބްރިޖުގެ މައި ދޮރާއްޓާ ހަމައަށް ފޯރީ ވިއްސަކަށް މިނެޓު ފަހުންނެވެ. ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން، ޒުވާނުން އަދި ޚާއްސަ އެހީ އަށް ބޭނުންވާ މީހުން ވެސް މިއަދު ހުޅުވާލި ފުރުސަތުގެ ބޭނުން ހިފި އެވެ. ޚާއްސަކޮށް ގައުމީ ހެދުން އަޅައިގެން ގައުމީ ދިިދަ ހިފައިގެން ގިނަ އަދަދެއްގެ ކުޑަކުދިން ތިބިކަން ފާހަގަކުރެވެ އެވެ. ކޮންމެ މީހެއްގެ މޫނުމަތިން ވެސް ފެންނަމުންދިޔައީ އުފާވެރިކަމާއި ހިތްހަމަޖެހުމުގެ މަންޒަރުތަކާއި ޝުއޫރުތަކެވެ.
ސިނަމާލެ ބްރިޖަށް އަރަން އެތައް ބަޔަކު ކިޔޫގައި ތިބި --- ސަން ފޮޓޯ: ފަޔާޒު މޫސާ
"މިއީ ކުރިއަށް އޮތްތަނުގައި ރާއްޖޭގެ އިގުތިސާދު ބަދަލުކޮށްލާނެ ތަނެއް. މިކަން ކޮށްފައި މިއޮތީ ވަރަށް ދުރާލާ ވިސްނައިގެން،" ބްރިޖު މައްޗަށް އަރަން ގޮސް ހުރި މެދު އުމުރުގެ މީހަކު ބުންޏެވެ.
އެތައް ދުވަހެއް ވަންދެން ދިވެހިންގެ ތެރެއިން ގިނަ ބަޔަކު ކުރި އުއްމީދު މިހާރު ފުރިހަމަ ވެފައިވާއިރު ބްރިޖު މަތިން ދަތުރު ކުރުމުގެ ފުރުސަތު އަންނަ ހުކުރު ދުވަހު ހުޅުވާލާނެ އެވެ.
"ދެން ވަރަށް ފަސޭހަވާނެ އޮފީހަށް ގޮސް އަންނަން. އެހާ އަގު ބޮޑުވާނެ ހެނެއް ހީނުވޭ،" އެއާޕޯޓުގައި މަސައްކަތް ކުރާ ޒުވާނަކު ބުންޏެވެ.
ގިނަ ބަޔަކު ބްރިޖު ހުރަސް ކުރަން އެ ސަރަހައްދަށް ދިޔައީ ސިޔާސީ ވިސްނުން އެއްފަރާތްކޮށް ގައުމީ ރޫހެއްގަ އެވެ. ބްރިޖާ އެކު ރާއްޖެ އަށް އުމްރާނީގޮތުންނާއި އިގްތިސާދީ ގޮތުން ވެސް ތަރައްގީ އަންނާނެ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.
ބްރިޖަށް އަރަން ގޮސް ތިބި އެތައް ހާސް ބަޔަކާއެކު މަޑު ހިނގުމެއްގައި، ބުރިޖު އެއްކޮޅުން އަނެއްކޮޅަށް ހިނގާލެވުނީ ބައި ގަޑިއެއްހާ އިރުންނެވެ. ގިނަ ބަޔަކު ދިޔައީ ބުރިޖުގެ އެކި ސަރަހައްދުތަކުގައި ފޮޓޯ ނަގައި، ފޭސްބުކުން ބްރިޖުގެ މަންޒަރުތައް ލައިވްކުރަމުންނެވެ. އާއިލާ އާއި ރައްޓެހިންނާ އެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮރުމުގެ ފުރުސަތު ލިބިގެންދިޔަ އެވެ.
ބްރިޖުގެ މަަސައްކަތް ކުރި ޗައިނާ ކުންފުނީގެ ބައެއް މުވައްޒަފުން ބްރިޖު ކައިރީ ތިބިއިރު ގިނަ ބަޔަކު ދިޔައީ އެމީހުންނާ އެކު ސެލްފީތައް ނަގަމުންނެވެ. ސަރުކާރުގެ ވަޒީރުންނާއި ސަރުކާރު ތަމްސީލު ކުރައްވާ މަޖިލިސް މެންބަރުން ވެސް އާންމުންނާއެކު ބްރިޖު ހުރަސްކުރުމުގެ ހަރަކާތުގައި ބައިވެރިވެލެއްވި އެވެ.
ގިނަ ބަޔަކު މިއަދު ވަނީ ސިނަމާލެ ބްރިޖަށް އަރާފައި --- ސަން ފޮޓޯ: ފަޔާޒު މޫސާ
ހުޅުލެ-މާލެ ބްރިޖު ނުވަތަ ސިނަމާލެ ބްރިޖާއެކު ރާއްޖޭގެ އިގްތިސާދުގައި މުހިއްމު ދައުރެއް އަދާކުރާ އެއާޕޯޓާއި، ޒުވާނުންގެ ސިޓީ ހުޅުމާލެ އަދި ފުރަ މާލެ ގުޅުވައިލަދީފި އެވެ. މިފަދަ ބޮޑު މަޝްރޫއެއް ހިންގައި ކާމިޔާބު ކަމާއެކު ނިންމާލެވުނީތީ އެކަމާ އުފާކުރާ އެތައް ރައްޔިތުންނެއް އެބަތިއްބެވެ. މިއީ ހުޅުމާލޭގައި ދިރިއުޅޭ، ވަޒީފާ އާއި އެކި ބޭނުންތަކުގައި މާލެ އަންނަ މީހުންނަށް ވަގުތު ސަލާމަތް ކޮށްދޭނެ ބްރިޖަކަށް ވާނެ އެވެ. އިގްތިސާދީ ގޮތުން ބަލާއިރު ވެސް މިއީ ބޮޑެތި ބަދަލުތަކެއް ގެންނާނެ މަޝްރޫއެއް ކަމަށް ގިނަ މީހުން ބުނެ އެވެ.
ދުއިސައްތަ މިލިއަން ޑޮލަރުގެ މި މެގަ ޕްރޮޖެކްޓު ނިންމައި އޭގެ ފޮނި މީރުކަން ލިބިގަތުމަށް ދިވެހިން ތައްޔާރުވެފައިވާއިރު، މިއަދު ބްރިޖު ސަރަހައްދުން ފެނުނު މަންޒަރުތަކުން ދައްކުވައިދެނީ މި މަޝްރޫއު ރައްޔިތުން ބަލައިގަނެފައި ވާކަމެވެ.