މިދިޔަ ބުރާސްފަތި ދުވަހު ހުޅުވި ސިނަމާލެ ބުރިޖުމަތީ ހިނގާލުމުގެ ފުރުސަތު މިއަދު ހަވީރާއި މިރޭ އާންމުންނަށް ހުޅުވާލާ ގޮތަށް ހަމަޖައްސައިފި އެވެ.

ބުރިޖު އާންމުކޮށް ދަތުރުތަކަށް ހުޅުވާލާނީ އަންނަ ހުކުރު ދުވަހު އެވެ. ނަމަވެސް އޭގެ ކުރިން އެ ތަނުގައި ތަފާތު ހަރަކާތްތައް ބާއްވާގޮތަށް ހައުސިން މިނިސްޓްރީން ވަނީ ހަމަޖައްސައިފަ އެވެ.

ހައުސިން މިނިސްޓްރީން ބުނީ ބުރިޖު މަތީގައި ހިނގާލުމުގެ ފުރުސަތު މިއަދު ހަވީރު 16:00 ން 18:00 އަށް އަދި މިރޭ 20:00 އިން 23:00 އަށް އޮންނާނެ ކަމަށެވެ.

މާދަމާ ގައުމީ ޔުނިވާސިޓީގެ ގްރެޖުއޭޝަން ވެސް ބުރިޖުގައި ބާއްވާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. އޭގެ އިތުރުން އެމްއެންޑީއެފްއާއި ސްކޫލުތަކުގެ ޕެރޭޑަކާއި އަދި ޑްރިލް ޝޯއެއް ވެސް މާދަމާ އޮންނާނެ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.

އިއްޔެ ހަވީރު ބުރިޖު މަތީގައި ފަސް ކައިވެންޏެއް ވަނީ ކޮށްފަ އެވެ. ބުރިޖުގައި ކައިވެނި ކުރި ހުރިހާ މީހުންގެ ވެސް މިއީ އަލަތު ކައިވެންޏެވެ. އަދި އިއްޔެ ހަވީރު ހައެއް ޖަހަންދެން އެކަމުގެ ހަފްލާތައް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ޗައިނާ ސަރުކާރުގެ ހިލޭ އެހީ އާއި ރާއްޖޭގެ ސަރުކާރުގެ ބަޖެޓުން އަދި ޗައިނާގެ ލޯނު އެހީގައި އެޅި ބްރިޖު މަޝްރޫއަށް 200 މިލިއަން ޑޮލަރު ވަނީ ޚަރަދުކޮށްފަ އެވެ. އެ ބުރިޖު ނިންމާފައި ވަނީ ތިން އަހަރާއި 11 މަހުންނެވެ.