01 Sep 2018, 14:05
އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ހާލަތާ މެދު ދެރަވާ ކަމަށާއި އިބޫއަށް ލިބިވަޑައިގެންނެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މެނިފެސްޓޯއިން ތަންތަންކޮޅު ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެ އެވެ.
ފާދިއްޕޮޅަށް ރައީސް ޔާމީން ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ކުރެންދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމްޑީޕީން ރައީސް ނަޝީދަށް ތައްޔާރު ކުރި މެނިފެންސްޓޯ އިބޫއަށް ނުދޭ ކަމަށެވެ.
އަދިވެސް އެމްޑީޕީން އިސްލާހު ގެނައި މެނިފެސްޓޯ އިބޫ އަތަށް ނުލިބޭ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
"އެމްޑީޕީއަކުން އިންތިޒާރެއް ނުކުރޭ ރައީސް ނަޝީދަށް ކުރިމަތި ނުލެވޭނެ އިންތިހާބެއް ދިވެހި ރާއްޖޭގައި އޮވެދާނެ ކަމަކަށް. ކިހާވަރެއް ވީމާތޯ ހަމަގައިމު ވެސް އުވަގަށާ ސިމެންތި ގަށާ މެޝިނުން ވޯޓު ކަރުދާސް ހޮވަން ޖެހޭނީ." ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ އެހެން ޕާޓީތަކުން އެމްޑީޕީއަށް ހިޖުރަ ކުރި މީހުން އެމްޑީޕީއަކުން ބަލައި ނުގަންނާނެ ކަމަށެވެ. އަދި "ރައީސް މައުމޫނާއި މުޅި ޓީމު ދިޔަޔަސް އެމްޑީޕީ ވާނީ އެމްޑީޕީއަށް" ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
"އަޅުގަނޑުގެ ވިސްނުމުން މިއިން އެބަ ދައްކައިދޭ މިބޭފުޅުންގެ ދޭސީކަން. މިބޭފުޅުންގެ ވިސްނުމުގައި ހަރުދަނާ ވިސްނުމެއް ނެތްކަން. ފިކުރުކުރަން ވެސް ނޭނގެނީ. ދެން ކިހިނެތްތޯ މިވަރު ބަޔަކު ރައްޔިތުން ގޮވައިގެން އުޅޭނީ." ރައީސް ޔާމީން ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ފާޑު ވިދާޅުވެ ރައީސް ޔާމީން ވަނީ ވާހަކަފުޅު ދައްކަވައިފަ އެވެ. ވިދާޅުވީ ރައްޔިތުންގެ ހައްގުގައި ގާސިމް ވިދާޅުވާ އެއްވެސް ވާހަކައެއް ނެތް ކަމަށެވެ.
މިހާރު ވެސް އެންމެ އަޑު ގަދަކޮށް ވިދާޅުވާ ވާހަކައަކީ "65 އަހަރުން މަތީގެ މީހުންނަށް ވެރިކަމަށް ކުރިމަތި ނުލެވޭ ވާހަކަ.؟" ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. ރައީސް ޔާމީން ވިދާޅުވީ ގާސިމް އެނޫން ވާހަކަ އެއް ވިދާޅު ނުވާ ކަމަށެވެ.
"ގާސިމްގެ މެނިފެސްޓޯގައި އިސް ބަހަކަށް ފަސް ބަހަކަށް ހުރހާ ބަހަކަށް އޮތީ 65 އަހަރުން މަތީގެ އެ ގާނޫނު އުވާލާނަމޭ. ގާނޫނު އަސާސީއަށް އިސްލާހު ގެންނާނަމޭ." ރައީސް ޔާމީން ވިދާޅުވި އެވެ.
އެމްޑީޕީގެ ވިސްނުން ހުރިގޮތް ގާސިމަށް އޮޅުމަކީ މައްސަލައެއް ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ. ފަސްދޮޅަސް ފަސް އަހަރު ވުމުން ވެރިކަމަށް ކުރިމަތި ނުލެވޭ ގޮތް ހަދާފައި އޮތް އޮތުން އުވާލަން ގާސިމް އެދެމުން ދިޔަ ނަމަވެސް "އެމްޑީޕީއަށް ކަހާތާ ހިރުވާ ވެސް ނުލާ" ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
އެމްޑީޕީގެ މެނިފެސްޓޯ އިން އަކުރެއް ފިއްޔަކަށްވެސް ބަދަލު ނުގެންނާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.