މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2018ގެ ގެސްޓްހައުސް އެޑިޝަން ރޭ ބާއްވައި، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ގެސްޓްހައުސްތަކުގެ އަގު ވަޒަންކޮށްފިއެވެ.

މީގެ ކުރިން ގެސްޓްހައުސްތަކަށް އެވޯޑު ދެނީ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގާލާގެ ތެރެއިންނެވެ. ނަމަވެސް ގެސްޓްހައުސް އިންޑަސްޓްރީއަށް ޚާއްސަ، ވަކި އިވެންޓެއްގެ ގޮތުގައި މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ އެވޯޑު ހަފްލާއެއް ބާއްވަން ފެށީ މިދިޔަ އަހަރުއެވެ.

ރޭ ހުޅުމާލޭގެ ފަރުކޮޅުފުށި ހެރިޓޭޖު އައިލެންޑުގައި މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ދެވަނަ ގެސްޓްހައުސް އެޑިޝަން އެވޯޑްސް ބާއްވާފައިވާ އިރު، އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ގެސްޓްހައުސްތަކުގެ އަގު ވަޒަންކޮށް، އެވޯޑު ވަނީ ދީފައެވެ.

ރޭގެ ހަފްލާގައި އެންމެ ޝަރަފުވެރި އެވޯޑު، ލީޑިންގް ގެސްޓްހައުސްގެ އެވޯޑު ލިބިގެން ދިޔައީ ލ. ގަމުގެ ރިވެރީސް ޑައިވިންގް ވިލެޖަށެވެ.

އެވޯޑު ލިބުނު ފަރާތްތައް:

ގެސްޓްހައުސް ކެޓަގަރީތައް:

  • ލީޑިންގް ގެސްޓްހައުސް:ރިވެރީސް ޑައިވިންގް ވިލެޖު، ލ. ގަން

  • ލީޑިންގް ފުޑް އެންޑް ބެވަރޭޖް ގެސްޓްހައުސް:ވެލާނާ ބީޗު، ކ. މާފުށި
  • ލީޑިންގް ގެސްޓްހައުސް - ޑައިވިންގް އެންޑް ވޯޓާސްޕޯޓްސް:ފުލިދޫ ޑައިވް އެންޑް ވޯޓާސްޕޯޓްސް، ވ. ފުލިދޫ
  • ލީޑިންގް އީކޯ-ފްރެންޑްލީ ގެސްޓްހައުސް:ނޮޅި އެސްކޭޕް، ހދ. ނޮޅިވަރަންފަރު
  • ލީޑިންގް ބިޒްނަސް ގެސްޓްހައުސް:ޔޫއައި އިން، ހުޅުމާލެ
  • ލީޑިންގް ހެރިޓޭޖް ގެސްޓްހައުސް:ޑީޓުއާ ބީޗު ވިއު، އދ. ހަންޏާމީދޫ
  • ލީޑިންގް އެޑްވެންޗާ ގެސްޓްހައުސް:ޝެލޯ ލެގޫން، އއ. ރަސްދޫ
  • މޯސްޓް އިނޮވޭޓިވް ގެސްޓްހައުސް ކޮންސެޕްޓް:ކްރިސްޓަލް ސޭންޑްސް، ކ. މާފުށި

31 އޯގަސްޓް 2018: މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2018 ގެސްޓްހައުސް އެޑިޝަން: މޯސްޓް ސަޕޯޓިވް ގެސްޓްހައުސް އަދި މޯސްޓް އިނޮވޭޓިވް ގެސްޓްހައުސް ކޮންސެޕްޓް އެވޯޑު ލިބުނީ ކ. މާފުށީ ކްރިސްޓަލް ސޭންޑްސްއަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އައިލެންޑް، ބްރޭންޑް އަދި ސާވިސް އެވޯޑުތައް:

  • ލީޑިންގް ގެސްޓްހައުސް ބްރޭންޑް:ކާނި ބީޗު ހޮޓެލް

  • ލީޑިންގް ޓްރާންސްޕޯޓު ސާވިސް ޕްރޮވައިޑާ:ނެވި ޓްރާންސްފާ ސާވިސެސް
  • ލީޑިންގް ގެސްޓްހައުސް އައިލެންޑް:އއ. އުކުޅަސް
  • ލީޑިންގް ބީޗު އައިލެންޑް:އއ. އުކުޅަސް

31 އޯގަސްޓް 2018: މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2018 ގެސްޓްހައުސް އެޑިޝަން: ލީޑިންގް ބީޗު އައިލެންޑް އަދި ލީޑިންގް ގެސްޓްހައުސް އައިލެންޑްގެ އެވޯޑު ލިބުނީ އއ. އުކުޅަހަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަޓާޓޯއިން ދޭ އެވޯޑުތައް

  • ލީޑިންގް ބިޒްނަސް ޑިވެލޮޕްމަންޓް ޕާޓްނާ ފޯ ދަ ގެސްޓްހައުސް އިންޑަސްޓްރީ:އެލައިޑް އިންޝުއަރަންސް

  • ނިއު ކަމާ އޮފް ދަ އިޔާ:ވިލާ ރޯޒާ، އއ. ފެރިދޫ
  • މޯސްޓް ސަޕޯޓިވް ގެސްޓްހައުސް:ކްރިސްޓަލް ސޭންޑްސް، ކ. މާފުށި

އެވޯޑު ލިބުނު ފަރާތްތަކަށް މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ޓްރޮފީގެ އިތުރުން، އުރީދޫ މޯލްޑިވްސްގެ ފަރާތުން ގެސްޓްހައުސް ބްރޯޑްބޭންޑް ޕެކޭޖަކާއި ރައުޓަރެއް ވަނީ ދީފައެވެ.

ރޭގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މަޓާޓޯގެ ރައީސް އަބްދުﷲ ގިޔާސް ރިޔާޒު ވިދާޅުވީ ގެސްޓްހައުސްތަކުގެ ދާއިރާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި އެންމެ ހަލުއިކޮށް ކުރިއަރަމުން އަންނަ ދާއިރާ ކަމަށެވެ.

"އަޅުގަނޑަށް ލަފާކުރެވޭ ގޮތުގައި ކުރިއަށް އޮތް 10 އަހަރު މުޅި ޓޫރިޒަމް އިންޑަސްޓްރީގެ ބެޑް ކެޕޭސިޓީގެ 50 ޕަސަންޓަށް ވުރެ ބޮޑު ބައި ހިއްސާކުރާނީ ރާއްޖޭގެ ގެސްޓްހައުސްތަކުން،" އޭނާ ވިދާޅުވިއެވެ.