ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޅ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅުގެ ކުރެންދޫއަށް ވަޑައިގެން އެ ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކޮށްދެއްވައިފިއެވެ.

މިއަދު ހެނދުނު ކުރެންދޫގައި ބޭއްވި ރަސްމިއްޔާތުގައި، އެ މަޝްރޫއުގެ ނިމުން ފާހަގުކުރުމުގެ ގޮތުން އެ މަނިކުފާނު ވަނީ ހަނދާނީ ރިބަން ކަނޑުއްވައިދެއްވައިފައެވެ.

މިއީ އެމްޓީސީސީއާ ހަވާލުކޮށްގެން ހިންގި މަޝްރޫއެކެވެ. އެ މަޝްރޫއުގެ ދަށުން އެރަށުގެ ބޯޅަދަނޑާ ދިމާލުން އިރުދެކުނުފަރާތުގައި 220 މީޓަރު ދިގު ތޮށިގަނޑެއް ވަނީ ލައިފައެވެ.

ރައީސް ޔާމީން ފާދިއްޕޮޅަށް ކުރައްވަމުން ގެންދަވާ ދަތުުރުފުޅުގައި އިއްޔެ ވަނީ އެ އަތޮޅުގެ ނައިފަރަށް ވަޑައިގެން އެރަށުގައި ގާއިމްކުރި ބަނދަރާއި އަދި ޅ. އަތޮޅު ހޮސްޕިޓަލްވެސް ހުޅުވައިދެއްވައިފައެވެ.

އެމްޓީސީސީން ކުރިއަށް ގެންދިޔަ ބަނދަރު ހެދުމުގެ މަޝްރޫއުގެ ދަށުން އެ ރަށުގެ ބަނދަރު ސަރަހައްދު ވަނީ 57،610 އަކަ ކިލޯ މީޓަރަށް ބޮޑުކޮށްފައެވެ. އަދި ބޮޑުހިލަ ޖަހައިގެން 758 މީޓަރުގެ ބޭރު ތޮއްޓަކާއި، 783 މީޓަރުގެ ބްރޭކް ވޯޓާއެއް ތަރައްގީ ކުރި އެވެ. އޭގެ އިތުރުން 3740 މީޓަރުގެ ބޮޑު ޕޭވްމެންޓެއް ވެސް ވަނީ ތަރައްގީ ކޮށްފައެވެ.

ރައީސް ޔާމީން ރޭ ޅ. އަތޮޅު ހިންނަވަރަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ވަނީ ބައްދަލުކުރައްވައިފައެވެ. އަދި މިއަދު އެ އަތޮޅުގެ އޮޅުވެލިފުއްޓަށް ވަޑައިގަތުމަށްވެސް ވަނީ ހަމަޖެހިފައެވެ.