ކުއްލިއްޔަތުއް ދިރާސަތުލް އިސްލާމިއްޔާގެ ޝަރީއާ އެންޑް ލޯ ފެކަލްޓީގައި ކިޔަވާ ދަރިވަރަކު އޭނާގެ މޫނު ބުރުގާ ނަގައިގެން ކިޔަވަން އައުމަށް އެތަނުގެ ރެކްޓާ ނަސޭހަތް ދީފި އެވެ.

ކުއްލިއްޔާގެ ޑީން ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ މިއަދު ސަން އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ކުއްލިއްޔާގައި ކިޔަވަމުން އަންނަ ދަރިވަރަކު މޫނުބުރުގާ އަޅައިގެން އަންނަކަން އެނގުނީ ވަރަށް ފަހުން ކަމަށާއި މޫނުބުރުގާ އަޅައިގެން އަންނަ ދަރިވަރު މޫނުބުރުގާ ނަގައިގެން އައުމަށް ނަސޭހަހަތްތެރިވެފައިވާނެ ކަމަށެވެ.

"މިއަންނަ 2012 ވަނަ އަހަރުން ފެށިގެން އެކަމާ މެދު ހަރުކަށި ފިޔަވަޅުއަޅާނަން. މި އަންނަ އަހަރުން ފެށިގެން ކުއްލިއްޔާގެ ގަވާއިދު ތަންފީޒު ކުރާނަން،" މޫނު ބުރުގާއަޅައިގެން ކުއްލިޔާ އަށް ނުވަދެވޭނެ ކަމަށް އިޝާރާތްކުރައްވައި ޒަކަރިއްޔާ ވިދާޅުވި އެވެ.

ކުއްލިއްޔާގެ ފެކެލްޓީގައި ކިޔަވާ ދަރިވަރަކާ ހަވާލާދީ އިސްލާމީ ނޫރު ވެބްސައިޓްގައި ބުނެފައި ވަނީ އެ ދަރިވަރަށް ކުއްލިއްޔާ އިން ކޯސްލިބުމާ ގުޅިގެން އެންމެ ފުރަތަމަ ދުވަހު އިންޓަވިއުއަށް ވެސް ގޮސްފައި ވަނީ މޫނު ބުރުގާއަޅައިގެން ކަމަށާއި އެ ކޯހުގައި އުޅޭތާ ތިން މަސް ވެފައިވާ އިރު ކުއްލިއަކަށް މޫނުބުރުގާ ނެގުމަށް އަންގަން ވީސަބަބު ނޭނގޭ ކަމަށެވެ.

ނަމަވެސް ކުއްލިއްޔާގެ ޑީން ޑރ. އިބްރާހިމް ޒަކަރިއްޔާ ވިދާޅުވީ ކުއްލިއްޔާ އަކީ ވަކި އުސޫލްތަކެއްގެ މަތިން ހިންގަމުން އަންނަ ތަނެއް ކަމަށާއި ކުއްލިއްޔާގެ ދަރިވަރުންގެ ޑްރެސްކޯޑަކީ ސިވިލް ސާވިސް ކޮމިޝަނުން ހުއްދަ ކުރާ ގަވާއިދާއި އުސޫލުން ހެދުން އަޅަން މީގެ ކުރިން ވެސް އަންގާފައިވާނެ ކަމަށެވެ.

"ކުއްލިއްޔާގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ހެދުން އެޅުމަކީ އެންމެ ރަނގަޅުކަމެއް ކަމުގައި ދެކޭ ކަމަށާއި ދީނުގައި ވަނީ މޫނާއި ދެ އަތްތިލަ އެއީ އަންހެނާގެ އައުރަނޫން ކަމަށާއި އެހެންކަމުން ކިޔަވަން އަންނަ ކުއްޖަކު މޫނުބުރުގާ ނޭޅުމަކީ އެއީ މައްސަލައެއް ކަމަށް ނުދެކޭ ކަމުގައި. އެގޮތުން ސިވިލް ސާވިސް ގަވާއިދާ އެއްގޮތަށް ހެދުން އެޅުމަށް ބަދަލުގެނެސް އެކަން ރަނގަޅުކުރުމަށް އަޅުގަނޑުވާނީ އެ ދަރިވަރުކައިރީގައި ބުނެފައި،" ޒަކަރިއްޔާ ވިދާޅުވި އެވެ.

ކުއްލިއްޔާ އިން ބުނީ މޫނު ބުރުގާ އަޅާފައިވާ ދަރިވަރަށް މިއަހަރު އެގޮތަށް ކިޔަވަން އާދެވޭނެ ކަމަށާއި އެހެންނަމަވެސް މިއަންނަ އަހަރުގެ ޖެނުއަރީ މަހު ފުރަތަމަ ދުވަހުން ފެށިގެން ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.

ކުއްލިއްޔާ އިން ބުނެފައި ވަނީ އެތަނުގައި މިހާތަނަށް މޫނު ބުރުގާ އަޅައިގެން އަންނަނީ އެންމެ ދަރިވަރަކު ކަމަށެވެ.