ލަންޑަން(ސެޕްޓެމްބަރު 1): އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ތެރީސާ މޭ އަވަހާރަކޮށްލުމަށް ރޭވި ޒުވާނަކު އުމުރަށް ޖަލަށްލުމަށް އެގައުމުގެ ކޯޓަކުން ހުކުމްކޮށްފިއެވެ.

ލަންޑަންގެ އޯލްޑް ބެލީގެ ޖިނާއީ ކޯޓުން ހުކުމްކުރީ އިނގިރޭސި ރައްޔިތެއްކަމަށްވާ ނައީމުއްރަހްމާން ޒަކަރިއްޔާގެ މައްޗަށް ތެރީސާ މޭ އަވަހާރަކޮށްލަން މަސައްކަތްކުރި ކަމުގެ ކުށް ސާބިތުވާ ކަމުގައެވެ. 21 އަހަރުގެ ނައީމުއްރަހްމާނަކީ ދީނުގެ ނަމުގައި އާދަޔާ ޚިލާފަށް ހަރުކަށިވެ ހައްދު ފަހަނަޅައިގެން އުޅޭ ޒުވާނެކެވެ. އޭނާ ހަރުކަށި ފިކުރުގެ ޒުވާނަކަށްވީ އައިއެސް ޖަމާއަތަށް ނިސްބަތްވާ އޭނާގެ ބޮޑުބޭބެގެ ސަބަބުން ކަމަށްވެއެވެ.

ބޮޑުބޭބެވަނީ ޖިހާދުގެ ނަމުގައި ސޫރިޔާއަށް ހަނގުރާމަ ކުރަން ގޮސްގެން އުޅެނިކޮށް ސޫރިޔާ ސިފައިންގެ ހަމަލާއެއްގައި މަރުވެފައެވެ. 21 އަހަރުގެ ނައީމުއްރަހްމާން ރޭވިކަމަށްވަނީ އިނގިރޭސި ބޮޑުވަޒީރުގެ އޮފީސް ކަމަށްވާ 10 ޑައުނިންގް ސްޓްރީޓްގެ ކައިރީގައި ބޮމެއްގޮއްވާލުމަށްފަހު އެބޮމުގެ ސަބަބުން ކުރިމަތިވާ ހަމަނުޖެހުންތަކުގެ ތެރޭގައި ސިއްރިޔާތުގައި ބޮޑުވަޒީރުގެ އޮފީހަށް ވަދެގަތުމަށް ކަމަށް އޭނާ ހައްޔަރުކޮށްގެން އިނގިރޭސި ފުލުހުންގެ ކުރި ތަހްގީގްތައް ބުނެއެވެ.

އެތަހްގީގްގައި ބުނާކަންކަން ނައީމުއްރަހްމާންގެ މައްޗަށް ސާބިތުވާކަމަށް އޯލްޑް ބެލީގެ ޖިނާއީ ކޯޓުގެ ފަނޑިޔާރުގެ ހުކުމުގައި ވެއެވެ. މީގެއިތުރުން ނައީމުއްރަހްމާނަކީ މިނިވަންކަމުގައި ހުރެއްޖެނަމަ އޭނާގެ ސަބަބުން އެހެން މީހުންގެ ފުރާނައަށް ނުރައްކާކުރާފަދަ ޓެރަރިސްޓެއްކަމަށާއި އިސްލާމް ދީނުގެ ނަމުގައި އޭނާ ގެންގުޅޭ ހަރުކަށި ފިކުރުން އޭނާ ސަލާމަތްކުރުމަކީވެސް ފަސޭހަކަމެއް ނޫންކަމަށާއި އެހާ ބޮޑަށް ހަރުކަށި ފިކުރުގެ ޝިކާރައަކަށް އޭނާ ވެފައިވާކަމަށްވެސް ފަނޑިޔާރު ވިދާޅުވިއެވެ.

ލަންޑަންގެ ފުލުހުން ނައީމުއްރަހްމާން ހައްޔަރުކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. ނައީމުއްރަހްމާން ހައްޔަރުކުރީ އިނގިރޭސި ޖާސޫސީ އިދާރާގެ މީހަކު އައިއެސް ޖަމާއަތުގެ ޖިހާދީއެއްގެ ހެދުން އަޅައިގެން ޖިހާދީއެއްގެ ނަމުގައި ނައީމުއްރަހްމާން އާ ގުޅުންބަދަހިކޮށްގެން އުޅުމުގެ ތެރޭގައި، އިނގިރޭސިބޮޑުވަޒީރު އަވަހާރަކޮށްލުމަށް އޭނާ ރޭވި ރޭވުން އިނގިރޭސި ޖާސޫސަށް ހާމަކޮށްދިނުމާ ގުޅިގެންނެވެ. އިނގިރޭސިވިލާތުގެ ޖާސޫސީ އިދާރާގެ އެތަށްބަޔަކު އައިއެސްގެ ޖިހާދީން އަޅާފަދަ ހެދުން އަޅައިގެން ޖިހާދީންގެ ގޮތުގައި އައިއެސްގެ ތެރޭގައި ހަރަކާތްތެރިވާކަމަށްވެއެވެ. (އަލްޖަޒީރާ)