31 Aug 2018, 23:58
ނުރައްކާތެރި އަމަލުތަކަށް މަގުފަހިވާގޮތަށް ހަރަކާތްތެރިވާ ފަރާތްތައް ހޯދައި، މާރާމާރީތައް ހުއްޓުވުމަށް ޚާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.
މިރޭ އެމްއެމްއޭ ސަރަހައްދުގައި ޒުވާނަކަށް ވަޅިން ހަމަލާދީ މަރާލި މައްސަލާގައި ފުލުހުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، އެމައްސަލަ ސީރިއަށް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
މިރޭ ވަޅިން ހަމަލާ ދިނުމުގެ ސަބަބުން މަރުވެފައިވަނީ ގދ. ފަރެސްމާތޮޑާ، އިބްރާހިމް އާގިލް، 19 އެވެ. އެނގިފައިވާ ގޮތުގައި ވަޅި ހަރާފައިވަނީ އޭނާގެ ކަރަށެވެ.
ނުރައްކާތެރި މާރާމާރީތައް ހުއްޓުވައި، އެކަންކަމަށް ހިތްވަރުދޭ ފަރާތްތައް ހޯދައި، އެފަދަ ފަރާތްތަކަށް ގާނޫނުގައި އޮންނަ އެންމެ ހަރުކަށި އަދަބު ދޭނެ ކަމަށް ފުލުހުން ބުނެ އެވެ.
"ރާއްޖެ ހަލަބޮލިކޮށް ހާއްސަކޮށް ވެރިރަށް މާލެ އަކީ ނުރައްކާތެރި ތަނެއްގެ ގޮތުގައި ސިފަކުރުމަށްޓަކައި ކުއްކުރުމުގެ ރޫހު މިވެށީގައި ހަރުލެއްވުމަށް އެއްވެސް ފަރާތަކަށް ފުރުސަތު ނުދޭނެ ވާހަކަ ދަންނަވަން،" ފުލުހުންގެ ބަޔާނުގައި ބުނެފައި ވެއެވެ.
ފުލުހުން ބަޔާނެއް ނެރުނު އިރު، ފަހަކަށް އައިސް ވަޅިން ހަމަލާދީ، މާރާމާރީ ހިންގުން މާލެ އާއި ހުޅުމާލޭގައި ވަނީ އާންމުވެފަ އެވެ. އެގޮތުން މިދިޔަ ހަފްތާގައި ވެސް މާލޭގައި މީހަކަށް ކޯރާޑިއަކުން ހަމަލާދީ ޒަހަމްކޮށްލި އެވެ. އޭނާ އަށް، އޭޑީކޭ ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.