އިންތިހާބުތައް ހިންގުމާ ބެހޭ ޓްރޭނިންގްއެއް އިލެކްޝަންސް ކޮމިޝަނުން ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

އަންނަ އާދީއްތަ ދުވަހުން ފެށިގެން ހަ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާ މި ޓްރޭނިންއަކީ "ބިލްޑިން ރިސޯސަސް އިން ޑިމޮކްރަސީ ގަވަނަންސް އެންޑް އިލެކްޝަންސް" (ބްރިޖް)ގެ މޮޑިއުލް ޓްރޭނިން އެކެވެ.

އިލެކްޝަންސް ކޮމިޝަނުންގެ މެންބަރުންނާއި ވެރިންނާއި މުވައްޒަފުންގެ ތެރެއިން 18 މީހަކު ބައިވެރިވާ މިޓްރޭނިންގައި މައިގަނޑު ގޮތެއްގައި މައުލޫމާތު ދޭނީ އިންތިހާބުތަކާ ބެހޭ ގޮތުން ކަމަށް އިލެކްޝަންސުން ބުނެ އެވެ. އޭގެތެރޭގައި ބައިނަލްއަގުވާމީ ފެންވަރުގެ އިންތިހާބްތަކާއި ގާނޫނީ އޮނިގަނޑާ ބެހޭ ގޮތުންނާއި އިންތިހާބީ އަހުލުންނާއި ޓެކްނޮލޮޖީގެ އެހީގައި އިންތިހާބްތައް ބޭއްވުމާއި އިންތިހާބީ އޮފީސްތައް ހިންގުމާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެކޮމިޝަނުން ބުންޏެވެ.

އިންޓަނޭޝަނަލް ފައުންޑޭޝަން ފޯ އިލެކްޓަރަލް ސިސްޓަމްސް (އައިއެފްއީއެސް)ގެ އެހީތެރިކަމާ އެކުގައި ކުރިއަށް ގެންދާ މިޓްރޭނިންގައި މައުލޫމާތު ދެއްވާނީ ބްރިޖް ފެސިލިޓޭޓާއެއް ކަމަށްވާ މިސް. ސީބޮންގީލޭ ޒެމަރީމޯ އެވެ. އަދި ފެސިލިޓޭޓަރުންގެ ގޮތުގައި މަސައްކަތް ކުރައްވާނީ މިކަމަށް ތަމްރީން ލިބިފައިވާ ކޮމިޝަންގެ ދެ މުވައްޒަފުން ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.

މީގެއިތުރުން އައިއެފްއީއެސް އިން ފަންޑުކޮށްގެން ފެސިލިޓޭޓަރުން ތަމްރީން ކުރުމާ ބެހޭ 14 ދުވަހުގެ ޓްރެއިން ޕްރޮގްރާމެއް ބްރިޖުން ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އިލެކްޝަނުން ބުންޏެވެ.