ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ކޮންމެ ކަމެއް ކޮށްދިނަސް އިދިކޮޅުން ތިބީ ގަބޫލުކުރާ ގޮތަކަށް ނޫން ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޅ. ނަިއފަރުގެ ބަނދަރު ހުޅުވައިދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ ރައީސް ޔާމީން ވެރިކަމުގައި ހުންނަވައިގެން ރާއްޖެ ދެކޭ ތަރައްގީގެ އެންމެ ރަން ޒަމާން މިހާރު ރައްޔިތުން ހެކިވެ ދެކެމުންދާ ކަމަށެވެ. އަދި ރޭ ބުރިޖު ހުޅުވޭތަން ފެނުމުން އިދިކޮޅުންް އޭގެ ކްރެޑިޓް ނަަގަން ބޭނުންވިތަން ފެނިގެން ދިޔަކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ. އެހެންނަމަވެސް ރާއްޖޭގެ ރައްޔިތުން މިހާރު މާ ހުށިޔާރު ކަމަށާއި އަދި ރައްޔިތުންނަށް ހަގީގަތް އޮޅުވައިނުލެވޭނެ ކަމަށް މުއިއްޒް ވިދާޅުވިއެވެ.

"މިއީކީ އެ ޒަމާނެއް ނޫން. އެހެންވީމާ މިރަށުގައި [ނައިފަރުގައި] ހުޅުވި ބަނދަރަކީވެސް އަދި ރާއްޖޭގައި ހެދި ފުރަތަމަ ބުރިޖަކީވެސް ރައީސް ޔާމީންގެ ދުރުވިސްނޭ ސިޔާސަތުގެ ސަބަބުން ރައްޔިތުންގެ ހިތުގެ ވިންދާއި ލޯބި ދެނެވަޑައިގަންނަވާތީ ރައްޔިތުންނަށްޓަކައި ކޮށްދެއްވި ކަންތައްތައް،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އެކަން ރައްޔިތުން ގަބޫލުކުރި ކަމުގައި ވިޔަސް އިދިކޮޅު ފިކުރުގެ ބޭފުޅުން އެބަތިބި ކަމަށާއި އަދި އެމީހުންނަށް ވިސްނައިދިނުމަށް މަސައްކަތްކޮށްދޭން ޖެހޭ ކަމަށެވެ. އަދި އޭގެ ތެރޭގައި ކޮންމެ ފަދަ ހުއްޖަތެއް ދެއްކިނަމަވެސް ގަބޫލުނުކުރާނެ ފަރާތްތަށް ތިބޭނެ ކަަމަށް މުއިއްޒު ވިދާޅުވިއެވެ.

މާފަންނު މީހުންގެ ބަތް ގަނޑުގެ ވާހަކައަށް އިޝާރާތް ކުރައްވައި މުއިއްޒު ވިދާޅުވީ އެއަވަށު މީހުން ކައްކައިގެން ދިޔަ ބަތްގަނޑުގައި އެއްވެސް މައްސަލައެއް ނެތް ނަމަވެސް އެ ބަތްގަނޑ ހެންވޭރު މީހުންނަށް އެއް ގޮތަކަށްވެސް ކަމުނުދިޔަ ކަމަށެވެ.

"ހަމަ މާފަންނު މީހުން ކެއްކީތީ ކަމުނުދިޔައީއޭ. މިއީ މިވާގޮތަކީ. ރައިސް ޔާމީން ކޮށްދެއްވާ ކަންތައްތައް އެ ހުރިހާ ބޭފުޅުންނަވެސް ވިސްނާލީމާ ގަބޫލުކުރެވޭ. އެކަމަކު ހަމަ ކުރީބައިގައި މިތިބީ ކޮންމެވެސް އެހެންކަމެއް ވެގެން ގޮސް ރައީސް ޔާމީން ކޮންމެ ކަމެއް ކޮށްދިންނަމަވެސް ގަބޫލުނުކުރަން. އެއްވެސް ކަހަލަ ބުއްދީގެ ހަމަޔަކުން ނޫން،" މުއިއްޒު ވިދާޅުވިއެވެ.