31 Aug 2018, 21:10
ސެމްސަންގުން އެންމެ ފަހުން ނެރުނު ފޯން، ގެލެކްސީ ނޯޓް 9 އުރީދޫން ވިއްކަން ފަށައިފި އެވެ.
ރަސްފަންނުގައި މިރޭ ބޭއްވި ފޯރިގަދަ ރަސްމިއްޔާތެއްގައި، ނޯޓް 9 ގަތުމަށް އުރީދޫ މެދުވެރިކޮށް ޕްރީއޯޑަރު ކުރި މީހުނަށް ފޯނު ދޫކުރަން ވަނީ ފަށައިފަ އެވެ.
އުރީދޫގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް މަހުން މަހަށް ފައިސާ ދައްކާ ގޮތަށް އިންސްޓޯލްމަންޓަށް ނޯޓް 9 ދޫކުރާނެ އެވެ.
އިންސްޓޯލް މަންޓަށް ފޯން ގަންނަ މީހުންގެ ތެރެއިން ހަ މަސް ދުވަހުގެ ތެރޭގައި ފައިސާ ދައްކާ ނަމަ ކޮންމެ މަހަކު ފަސް ޖީބީގެ ހިލޭ ޑޭޓާ ލިބޭނެ އެވެ. އަދި 12 މަސް ދުވަހުން ފައިސާ ދައްކައި ނިންމާ ގޮތަށް ނަގާ މީހުންނަށް ކޮންމެ މަހަކު ދެ ޖީބީގެ ހިލޭ ޑޭޓާ ލިބޭނެ އެވެ.

އުރީދޫން ސެމްސަންގް ގެލެކްސީ ނޯޓް 9 ވިއްކަން ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: އުރީދޫ
ޑޭޓާގެ އިތުރުން، ޕްރީއޯޑަރު ކުރާ ކޮންމެ މީހަކަށް ވެސް، އޭކޭޖީ ބްލޫޓޫތު ސްޕީކަރެއް ހިލޭ ދޭން ހަމަޖެހިފައިވާ ކަމަށް އުރީދޫން ބުނެ އެވެ.
ފުލް ޕޭމަންޓް ދައްކައިގެން އުރީދޫގެ ހުރިހާ ކަސްޓަމަރުންނަށް ވެސް ނޯޓް 9 ގަނެވޭ ގޮތަށް އެ ކުންފުނިން އޮތީ ހުޅުވާލައިފަ އެވެ. ނުވަތަ ޕޯޓްޕެއިޑަކަށް ބަދަލު ކުރުމަށް ފަހު އިންސްޓޯލްމަންޓަށް ފޯނު ނެގުމުގެ ފުރުސަތު އޮންނާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
އުރީދޫން ޕްރީ އޯޑަރަށް ހުޅުވާލި ނޯޓް 9ގެ ފޯންތަކުގެ ތެރޭގައި 128 އަދި 512 ޖީބީގެ ފޯން ހިމެނެ އެވެ. އަދި ނޯޓް 9ގެ ތިން ކުލަ ކަމަށްވާ މިޑްނައިޓް ބްލެކް، އޯޝަން ބްލޫ އަދި މެޓަލިކް ކޮޕާ އުރީދޫން ލިބޭނެ އެވެ.