ފުނަދޫގައި މިހާރު ހުރި އެސްޓީއޯގެ ތެޔޮ ތާނގީތައް ތިލަފުށީ ކައިރީގައި އޮންނަ ބޮޑުގިރިއަށް ބަދަލު ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެސްޓީއޯ އިން ބުނެފި އެވެ.

އެސްޓީއޯގެ ކޯޕަރޭޓް މެނޭޖަރު އިސްމާއިލް ސޯދިގު ސަން އަށް ދެއްވި އިންޓަވިއުއެއްގައި މިއަދު ވިދާޅުވީ ފުނަދޫގައި ހުރި ތެޔޮ ތާނގީތައް ބޮޑުގިރީ ފަޅަށް ބަދަލުކުރަން މަސައްކަތް ކުރަނީ، ފުނަދޫގައި ޖާގަ ކުޑަވެ، ތެޔޮ ރައްކާ ކުރާނެ ކެޕޭސިޓީ ނެތުމުން ކަމަށެވެ.

އޭނާ ވިދާޅުވީ ބޮޑުގިރި ފަޅު ހިއްކުމަށް އެންވަޔަރަމަންޓް އިމްޕެކްޓް އެސެސްމަންޓް ]އީއައިއީ[ ހެދުމަށް ބަޔަކު ހޯދުމަށް އިއުލާންކޮށްފައިވާ ކަމަށާއި އެ އިއުލާންގެ މުއްދަތު މި މަހު 26 އަށް ހަމަވާނެ ކަމަށެވެ.

އެ ގިރި ސަރުކާރުން އެސްޓީއޯ އަށް ދިނީ ކޮން އުސޫލަކުންތޯ ދެންނެވުމުން ސޯދިގު ވިދާޅުވީ އެކަމަށް ކޮމެންޓެއް ދެއްވަން ބޭނުންފުޅު ނޫން ކަމަށެވެ.

އެސްޓީއޯ އިން ބުނީ އީއައިއީ ހެދުމަށް ފަހު ބޮޑުގިރީފަޅަކީ އެފަދަ ކަމަކަށް އެކަށީގެންވާ ތަނެއް ނަމަ، އެތަން ހިއްކައި އެސްޓީއޯ އިން ބޮޑު ކުރާނެ ކަމަށެވެ.

އެސްޓީއޯ އިން ބުނީ ފުނަދޫގައި މިހާރު ރައްކާ ކުރެވެނީ ރާއްޖެ އަށް ބޭނުންވާ ތެލުގެ 20 ދުވަހުގެ ތެޔޮ ކަމަށާއި، ނަމަވެސް ބޮޑުގިރި ހިއްކުމުން 45 ދުވަހަށް ބޭނުންވާ ތެޔޮ އެ ތަނުގައި ރައްކާ ކުރެވޭނެ ޖާގަ އުފެއްދޭނެ ކަމަށެވެ.
"ފުނަދޫގައި ނެތް އިތުރަށް އެކްސްޕެންޑް ]ފުޅާކުރެވޭނެ[ ކުރެވޭނެ ޖާގައެއް. އެހެންވެ ބަލަމުންދަނީ ބޮޑުގިރި ފަޅު ހިއްކައި އެތަން އެކްސްޕެންޑް ކުރުމަށް. މިހެން ހެދުމުން މިހާރު އަހަރުމެންނަށް ތެޔޮ ރައްކާ ކުރެވޭ ވަރަށް ވުރެ އިތުރަށް ރައްކާ ކުރެވޭނެ."

ކުރިއަށް އޮތްތާގައި ރާއްޖެ އަށް ބޭނުންވާ ތެޔޮ އިތުރުވާނޭ ކަމަށް ލަފާކުރެވޭތީ، އެސްޓީއޯ އިން ރާއްޖެ އަށް އެތެރެ ކުރާ ތެލުގެ އަދަދު ގިނަކުރަން ނިންމާފައިވާ ކަމަށް ވެސް ސޯދިގު ވިދާޅުވި އެވެ.

އެސްޓީއޯ އިން މީގެ ކުރިން ވަނީ ރާއްޖޭގެ އުތުރުގެ ސަރަހަށްދެއްގައި ވެސް ތެޔޮ ރައްކާ ކުރާނެ ތަނެއް ހެދުމަށް ނިންމައިފަ އެވެ.