ރާއްޖޭގެ ރަށެއްގައި މިހާތަނަށް ހެދި އެންމެ ބޮޑު ބަނދަރު، ޅ. ނައިފަރުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން މިއަދު ހުޅުއްވައިދެއްވައިފި އެވެ.

ނައިފަރުގެ ބަނދަރު ހުޅުއްވައިދެއްވީ ރައީސްގެ ޔާމީން ޅ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހަވީރު އެ ރަށުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގަ އެވެ.

އެ ރަސްމިއްޔާތުގައި ރައީސް ޔާމީން ވަނީ، ބަނދަރުގެ އިތުރުން ނައިފަރުގައި ހުންނަ، ޅ. އަތޮޅު ހޮސްޕިޓަލުގެ އާ އިމާރާތް ވެސް ހުޅުއްވައިދެއްވައިފަ އެވެ.

އެމްޓީސީސީން ކުރިއަށް ގެންދިޔަ ބަނދަރު ހެދުމުގެ މަޝްރޫއުގެ ދަށުން އެ ރަށުގެ ބަނދަރު ސަރަހައްދު ވަނީ 57،610 ސްކޮޔާ ކިލޯ މީޓަރަށް ބޮޑުކޮށްފަ އެވެ. އަދި ބޮޑުހިލަ ޖަހައިގެން 758 މީޓަރުގެ ބޭރު ތޮއްޓަކާއި، 783 މީޓަރުގެ ބްރޭކް ވޯޓާއެއް ތަރައްގީ ކުރި އެވެ. އޭގެ އިތުރުން 3740 މީޓަރުގެ ބޮޑު ޕޭވްމެންޓެއް ވެސް ވަނީ ތަރައްގީ ކޮށްފަ އެވެ.

ނައިފަރުގެ ބަނދަރުގެ އޭރިއަލް ފޮޓޯ އެއް --- ފޮޓޯ: އެމްޓީސީސީ

ބަނދަރު ސަަރަހައްދު އަލި ކުރުމަށް، 38 ހާބަރު ލައިޓް ޖަހާފައިވާއިރު، ބަނދަރު ބޮޑުކޮށްފައިވަނީ 3740 މީޓަރުގެ ޕޭވްމެންޓެއް ހިމެނޭ ގޮތަށެވެ.

ކުރިން ބޭނުންކުރި ބަނދަރާ އެއްކޮށްލައިގެން މުޅިން އާ ބަނދަރެއް އެ ރަށުގައި ތަރައްގީ ކޮށްފައިވާއިރު ނައިފަރަކީ މަސްވެރިރަށެވެ. މަސްވެރިކަން ކުރާ ގިނަ އުޅަނދުތަކެއްގެ އިތުރުން، މާލެ ދަތުރުކުރާ ގިނަ ބޯޓުތައް ވެސް އެ ރަށު މީހުން ގެންގުޅެ އެވެ.

ނައިފަރު ފަޅު ފުންކޮށް ބަނދަރުގެ ބޭރުތޮށި ހެދުމުގެ އިތުރުން ނެރުބައްތި ހަރުކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ، 2015 ވަނަ އަހަރުގެ މެއި މަހު އެވެ. ސަރުކާރުގެ ބަޖެޓުން ގާތްގަނޑަކަށް 21.8 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫއާ އެކު އެރަށަށް ދިމާވެފައިވާ ބަނދަރުގެ ދަތިކަމަށް ހައްލެއް އަންނާނެ ކަމަށް އެ ރަށު މީހުން ބުނެ އެވެ.

ރައީސްގެ ދަތުރުފުޅުގައި ނައިފަރުގެ އިތުރުން އެ އަތޮޅު ކުރެއްދޫ އާއި އޮޅުވެލިފުށި އަދި ހިންނަވަރަށް ވަޑައިގަންނަވާނެ އެވެ.