ރެއަކީ ދިވެހީންނަށް ތާރީޚީ ރެއެކެވެ. ވަކި ފިކުރެއް ނެތެވެ. އެންމެންނަށެވެ. ސަރުކާރުގެ ފިކުރަށް ތާއީދު ނުކުރާ މީހުންވެސް މި ތާރީޚީ ރޭގެ ހާއްސަ ކަމުގައި ބައިވެރިވިއެވެ. ހާއްސަކޮށް ބުރިޖު ހުޅުވާ ރަސްމިއްޔާތުގައި ހަވާ އަރުވާނެކަން އިއުލާނު ކުރުމާއެކު ހަވާ އަރުވާ މަންޒަރު ބަލަން އެތައް ހާސް ބަޔަކު ދުރާލައި ތައްޔާރުވިއެވެ.

ހުޅުލެއާއި ހުޅުމާލެ ގުޅޭ މަގަށް އެތައް ބަޔަކު ޖަމާވިއެވެ. އޭގެ އިތުރުން ވިލިމާލެއިންނާއި ހުޅުމާލެއިން އެތައް ބަޔަކު މާލެއަށް އައެވެ. ރީތިކޮށް މަންޒަރުތައް ފެންނާނެ ސަރަހައްދެއް ލިބޭތޯ އިރުއޮއްސުނީއްސުރެ ބުރިޖާ ކައިރި ސަރަހައްދުތަކުން މީހުން މުގޯލި އަޅަން ފެށިއެވެ. މުޅި އާއިލާ އެކީ ޕިކަޕު ތަކާއި ލޮރީތަކުގައިި ދުއްވާފައި އާޓިފިޝަލް ބީޗު ސަރަހައްދަށް ގިނަ ބަޔަކު އެއްވިއެވެ.

ރޭގެ ރަސްމިއްޔާތުގައި ރައީސް ޔާމީން ވާހަކަފުޅު ދެއްކެވުމަށްފަހު ދެން އޮތީ ލޭޒާ ޝޯއަކާއި ވޯޓާވޯކްސްގެ ހަރަކާތްތަކެކެވެ. ގޭގޭގައި ތިބި މީހުންވެސް މިހާ ހިސާބުން މަގުތައް މައްޗަށް ނިކުންނަން ފެށިއެވެ.

ހަވާ އަރުވަން ފެށުމާއެކު ތިބި ތަނަކަށް ހުއްޓި ފޯނުތައް މައްޗަށް ދިއްކޮށްގެން ތިބީ އެ މަންޒަރުތައް ރައްކާ ކުރުމަށެވެ. ބްރިޖު ސަރަހައްދުގައި ހުންނަ ގޭގޭގެ ޓެރަހުން ޖާގަ ހޯދައިގެން އެތަނަށް ހަވާ ބަލަން ދިޔަ މީހުންގެ އަދަދުވެސް މަދެއް ނޫނެވެ.

"އާޗާ،" އޭ ކިޔަމުން ދިޔަ މީހުންގެ ތެރޭ މިކަމަށް ހަޖޫޖެހި މީހުންވެސް ހިމެނެއެވެ. ރޭގައި ފެނިގެންދިޔައީ ރާއްޖޭގައި މިހާތަނަށް ފެނިގެން ގޮސްފައި ނުވާ ފެންވަރުގެ ހަވާ އެރުވުމުގެ ހަރަކާތެކެވެ. ހަވާއެރުވުމުގައި ދުނިޔޭގެ ރިކޯޑު ފޮތުން ޖާގަ ހޯދާފައިވާ ކުންފުނީގެ ހުނަރު ބަލައިލުމަށް ކުދި ބޮޑު ގިނަ ބަޔަކު ޖަމާވިއެވެ.

ރެއިން ފެށިގެން ޓްވިޓާއާއި ފޭސްބުކް އަދި އިންސްޓަގްރާމުގައި މި ފޮޓޯތައް ދަނީ ދައުރުވަމުންނެވެ. ހަވާ އެރުވި އިރު ރަށުގައި ތިބި މީހުންނަށް ދައްކަން ފޭސްބުކް އަދި އިންސްޓަގްރާމުގައި އެ މަންޒަރުތައް ލައިވް ކުރި މީހުންގެ އަދަދުވެސް މަދެއް ނޫނެވެ.

ބުރިޖު މަޝްރޫއަށް، ބުރިޖު ހުޅުވުމުގެ އުފާ ފާހަގަކޮށް ހަވާ އަރުވާތީ އެކަމަށް ހަޖޫ ޖެހި މީހުންވެސް މީގެ ތެރޭ ހިމެނެއެވެ. ހަވާ އެރުވުމުގެ ހަރަކާތް ހިނގަމުން ދިޔައިރު އެތަން ބަލަން ނިކުތް މީހުންގެ މޫނުމަތިން ފެންނަމުންދިޔައީ ހިތްހަމަ ޖެހުމެވެ. އުފާވެރިކަމެވެ. ހާދަ ފުރިހަމައޭ، މިއީ މިހާތަނަށް ފެނުނު އެންމެ ރީތި ހަވާ އޭ ބުނި މީހުންގެ އަދަދުވެސް މަދެއް ނޫނެވެ.