ދިރާގު ދިވެހި ލީގުގެ ތިން ވަނަ ބުރުގައި ރޭ ވިކްޓަރީއާ ދެކޮޅަށް ނިއުރޭޑިއަންޓް ބައްދަލުކުރި މެޗް 6-1 ލަނޑުން ނިއު ކާމިޔާބުކޮށްފި އެވެ.

މެޗުގެ ފުރަތަމަ ލަނޑުޖަހާ ނިއުއަށް ލީޑް ނަގައި ދިނީ ޒުވާން ފޯވާޑް އަލީ ފާސިރު )ސެންޓޭ( އެވެ. މެޗްގެ ހަތް ވަނަ މިނެޓްގައި ސެންޓޭ ނިއުއަށް ކާމިޔާބު ކޮށްދިން ލަނޑާއެކު އިދިކޮޅު ވިކްޓަރީން ލަނޑެއް ޖަހާ ނަތީޖާ ހަމަހަމަ ކުރި އެވެ. އެލަނޑު ވިކްޓަރީއަށް ކާމިޔާބު ކޮށްދިނީ މިސީޒަންގެ ލަނޑު ލިސްޓުގެ ދެވަނާގައި އުޅޭ އިބްރާހިމް ފަޒީލް )އޮއްޕޮ( އެވެ.

ފުރަތަމަ ހާފުގެ ކުޅުން ނިމުނުއިރު، ދެ ޓީމުން ކުރެ އެއްޓީމަކަށް ވެސް ނަތީޖާ ބައްދަލު ކޮށްލެވިފައި ނުވާއިރު، ފުރަތަމަ ހާފުގެ ކުޅުން ނިމުނީ 1-1 ލަނޑުން ދެ ޓީމް އެއްވަރު ވެގެންނެވެ.

ދެ ވަނަ ހާފުގައި ނިއުއިން ވަނީ ވާދަވެރި ވިކްޓަރީ ކޮޅަށް ލަނޑެއް ޖަހާ ނަތީޖާ 2-1 ލަނޑަށް ބަދަލުކޮށްލާފަ އެވެ. އެގޮތުން ނިއުގެ ދެ ވަނަ ލަނޑު މެޗްގެ 56 ވަނަ މިނެޓްގައި ކާމިޔާބު ކޮށްދިނީ ސެންޓޭ އެވެ.

ސެންޓޭގެ ލަނޑުން ނިއު މެޗްގެ ލީޑް ހޯދުމުން، ވިކްޓަރީ ފުރަތަމަ ހާފުގައި ކުޅުނު މޮޅު ކުޅުމަށް ލޮޅުމެއް އައުމުގެ ނަތީޖާ އަކަށްވީ، ނިއުއިން ދެ ވަނަ ލަނޑު ޖެހިތާ ފަސް މިނެޓް ފަހުން، ތިން ވަނަ ލަނޑު ކެޕްޓަން އަހުމަދު ތޯރިގް )ޓޮމް( ޖެހި ހިސާބުން ނެވެ. އަދި އޭނގެ ފަހުން ނިއުގެ ހަތަރު ވަނަ ލަނޑު ޝަހީމް އަބްދުލްގާދިރު ކާމިޔާބު ކޮށްދިން އިރު، ފަސް ވަނަ ލަނޑު ނިއުއަށް ކާމިޔާބު ކޮށްދިނީ، ކެޕްޓަން ޓޮމް އެވެ. އަދި ނިއުން ޖެހި އެޓީމްގެ ހަ ވަނަ ލަނޑު މެޗްގެ 81 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ އަހުމަދު ނިޔާޒެވެ.

ރޭގެ މެޗް ނިއުއަށް ލިބުނު އިރު، 31 ޕޮއިންޓާ އެކު ލީގް ތާވަލުގެ ހަތަރު ވަނައިގައި ނިއު އޮތް އިރު، ވިކްޓަރީ އޮތީ 35 ޕޮއިންޓާ އެކު ތާވަލްގެ ދެ ވަނައިގަ އެވެ. އެހެން ނަމަވެސް ރޭގެ މެޗް ވިކްޓަރީއަށް ލިބުނު ނަމަ އެޓީމަށް ލީގުގެ ދެ ވަނަ މުޅިން ކަށަވަރު ވާނެ އެވެ.

ލީގުގެ ފަހު މެޗުގައި ޗެމްޕިއަން ވީބީއާ ދެކޮޅަށް ނުކުންނައިރު ދެ ވަނަ ކަށަވަރުކުރަން ވިކްޓަރީ އަށް ބޭނުންވަނީ އެންމެ ޕޮއިންޓެކެވެ. އެ މެޗުން ވިކްޓަރީ ބަލިވިޔަސް މާޒިޔާ އަށް ދެ ވަނަ ލިބޭނީ ފަހު މެޗުގައި ނިއު އަތުން ބޮޑު ތަފާތަކުން މޮޅުވެވިގެންނެވެ. މިވަގުތު ލީގް ތާވަލްގައި މާޒިޔާ އޮތީ 32 ޕޮއިންޓާ އެކު އެވެ.

މެޗަށް ފަހު ނޫސްވެރިންނާއި ވާހަކަދައްކަމުން ނިއުގެ ކޯޗު މުހައްމަދު ޝިޔާޒު (މޯހަން) ބުނީ ވިކްޓަރީ އާއި ދެކޮޅަށް ނުކުމެ ތަފާތު ބޮޑު ނަތީޖާއެއް ނެރެވޭނެ ކަމަށް އެއްވެސް ވަރަކަށް ކުރިން އުންމީދު ނުކުރާ ކަމަށެވެ.
"މިސް ޕާސް ތަކަކާއި ކުޅުންތެރިންގެ ފަރާތުން މިސްޓޭކު ތަކެއް ހެދިތަން ފެނުނު. ނަމަވެސް ދެވަނަ ހާފުގައި ކުޅެން ނުކުމެ އެކަން ކަން ރަނގަޅުކޮށް ގޯލު ޖެހުމުގެ ހުނަރު ކުޅުންތެރިންގެ ފަރާތުން ފެނުނު. ކުޅުންތެރިންގެ ފަރާތުން ގޯލުޖަހާ އުފާފާޅު ކުރުމުގެ ވަރުގަދަ ރޫހެއް ފެނުނީ ވިކްޓަރީ އާއި ނިއު އަކީ އަބަދު ވެސް ޒަމާންވީ ވާދަވެރި ކަމެއް އޮންނަ ޓީމަކަށް ވާތީ ކަމަށް ވެދާނެ." މޯހަން ބުންޏެވެ.

ވިކްޓަރީގެ ކޯޗު އަލީ ސުޒޭން ބުނީ އެ ނަތީޖާއަކީ އެއްވެސް ގޮތެއްގައި ގަބޫލުކުރެވޭނެ ނަތީޖާއެއް ނޫން ކަމަށާއި ބައެއް މުހިންމު ކުޅުންތެރިންގެ ފަރާތުން އެދެވޭ ކުޅުމެއް ފެނިގެން ނުދިޔަ ކަމަށެވެ.
"ނިއުއިން ދެލަނޑެއް ޖަހާލީމަ ކުޅުންތެރިންގެ ފަރާތުން ކޮންސަންޓްރޭޝަން ގެއްލިގެން ދިޔަ ކަހަލަ. ވެދާނެ މިމެޗުން ނެރޭ ނަތީޖާއިން ވަނައަށް ބަދަލު ނާންނާތީ ކުޅުންތެރިންނަށް އެހެން ދިމާވީ ކަމަށް. ކޮންމެ ހާލެއްގައި ވިޔަސް މިއީ ގަބޫލުކުރެވެނެ ނަތީޖާއެއް ނޫން." ސުޒޭން ބުންޏެވެ.

ލީގުގައި މާދަމާ ރޭ ބައްދަލުކުރާނީ ފަސްވަނައިގައި އޮތް ވެލެންސިއާ އާއި ހަވަނައިގައި އޮތް ކުލަބު އީގަލްސް އެވެ. އީގަލްސް ވެލެންސިއާ ވައްޓާލާ ފަސްވަނަ އަށް އަރަން ބޭނުންނަމަ ވެލެންސިއާ ބަލިކުރަން ޖެހޭނެ އެވެ. މާދަމާރޭ 9:00 ގައި ކުޅޭ މިމެޗަކީ މިދެޓީމު ލީގުގައި ކުޅޭ އެންމެ ފަހު މެޗެވެ.