31 Aug 2018, 12:04
ސިނަމާލެ ބްރިޖު ހަގީގަތަކަށް ހެއްދެވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމު ކަމަށް ހައުސިންގ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ބުރިޖު ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އެހެން އެއްވެސް ޒަމާނެއްގައި ކުރެވުނު ކަމަކުން ބުރިޖަށް މަގުފަހިކަމެއް އެއްވެސް ވަރަކަށް ނުލިބޭ ކަމަށެވެ. އަދި މިއީ ރައީސް ޔާމީނާއި ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ގުޅުމުގެ ތެރެއިން އުފަންވި ބްރިޖެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
"ކޮންމެ މީހަކު ކޮންމެ ވާހަކައެއް ކޮންމެ ތަނަކު ދެއްކިނަމަވެސް މި ހަގީގަތެއް ބަދަލެއް ނުވާނެ. އެމަނިކުފާނު މިއޮތީ އަންޒަމާނުއްސުރެ މި ދެރަށް ގުޅޭނެ ނަމަ ކިހާ ރަނގަޅުވީސްހޭ ހިތްޕުޅަށް އެރި ރައީސުންގެ 'ނަމަ' ފޮހެލައްވައި އުއްމީދު ހާސިލްކޮށްދެއްވާފައި،" މުއިއްޒު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ބުރިޖަކީ ފަސްދާނު ލެވިފައިވާ ކާބަފައިން މިއަދު މި މަންޒަރު ފެންނާނެ ނަމަވެސް އެކަމަށްޓަކައި އެ ބޭފުޅުންވެސް ފަޚުރުވެރިވާނެ ބުރިޖެއް ކަމަށެވެ.
ފާއިތުވި ހަތަރު އަހަރު ތެރޭ ރައީސް ޔާމީނާ ކުރިމަތިވި ހުރިހާ "ހަނގުރާމައެއްގެ ތެރޭގައި" ޒަހަމްވެ ވަޑައިގެންވެސް ރައްޔިތުން އެދޭ ތަރައްގީ ގެނެސްދެއްވުމަށް ރައީސް ބޭނުންފުޅުވެލައްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"މިއީ ނަނާ ހުވަފެނެއް ނޫން. އެކަމަކު މިއީ ބިނާ ހުވަފެނެއް. މިއީ އަތްލްވޭ ހަގީގަތް، އުފާ ލިބޭ މަންފާ ލިބޭ އަވަސް ފަހި ރާސްތާ،" ރޭގެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވިއެވެ.
"ދިރުމެއް އޮތިއްޔާ އުންމީދެއް އޮންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވާ ވާހަކަފުޅުގެ މާނަ، އޭގެ އާދަޔާ ޚިލާފު އެއް ހަގީގަތް މިއަދު ދިވެހި ތާރީޚު މި ވަނީ ބައްދަލުކޮށްފައި. މިހިނދު ދިވެހި ރައްޔިތުން މިދެކެނީ ރާއްޖޭގެ ތަރައްގީ ތަނަވަސްވެ، ފުޅާވަމުންދާ ތަން،" މުއިއްޒު ވިދާޅުވިއެވެ.
ބުރިޖު މަޝްރޫއު ފުރިހަމަވީ، ރައީސް ޔާމީން ގެންގުޅުއްވާ އިގްތިސާދީ އަދި ޚާރިޖީ ސިޔާސަތުގެ ސަބަބުން ކަމަށް މިނިސްޓަރު ރޭ ވިދާޅުވިއެވެ. ދިވެހިން މީގެ ކުރިން ނުދެކޭ ފަދަ ތަރައްގީގެ އާ ޒަމާނެއް ރައީސް ޔާމީންގެ ވެރިކަމުގައި ރައްޔިތުންނަށް ގެނެސްދެއްވައިފި ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.