ސިނަމާލެ ބްރިޖާ ގުޅޭ މާލޭ ރިންގް ރޯޑު އާންމުންނަށް ހުޅުވާލާނީ ހޯމަ ދުވަހު ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

ހައުސިން މިނިސްޓްރީއިން ބުނީ ސިނަމާލެ ބްރިޖު ހުޅުވުމާ ދިމާކޮށް މިރޭ އެ މަގު ހުޅުވާލާފައި ނުވާ ކަމަށެވެ.

މާލޭ ރިންގް ރޯޑުގެ ނަމުގައި މާލޭގައި ހުންނަ ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން މެރީބްރައުން އާ ހަމައަށް ތާރު އަޅައިގެން ރަނގަޅު ފެންވަރެއްގައި ތަރައްގީކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީއިން ދަނީ ކުރަމުންނެވެ.

ރިންގް ރޯޑު ހަދަނީ ހަތަރު ލޭނަށެވެ. އިންޑަސްޓްރިއަލް ވިލެޖުން ފެށިގެން ސަލްމާން ރަސްގެފާނު މިސްކިތާ ހަމައަށް، ބޮޑުތަކުރުފާނު މަގުގެ ދެ ފަރާތުގައި ގަސް އިންދުމަށް ހަމަޖެހިފައިވާ ކަމަށް ހައުސިން މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފައެވެ.

ބްރިޖާ ގުޅިގެން ހުޅުމާލޭގައިވެސް ވަނީ ހައިވޭއެއް ގާއިމުކޮށްފައެވެ.

ރާއްޖޭގެ ތާރީޚް ބަދަލުކޮށްލާނެ ސިނަމާލެ ބްރިޖު ރޭ ވަނީ ރަސްމީކޮށް ހުޅުވައިފައެވެ. ޗައިނާ ސަރުކާރުގެ ހިލޭ އެހީ އާއި ރާއްޖޭގެ ސަރުކާރުގެ ބަޖެޓުން އަދި ޗައިނާގެ ލޯނު އެހީގައި އެޅި ބްރިޖު މަޝްރޫއަށް 200 މިލިއަން ޑޮލަރު ވަނީ ޚަރަދުވެފައެވެ.

ބުރިޖުގެ ރަސްމީ ދަތުރުތައް އަންނަ މަހުގެ ހަތެއްގައި ފަށާއިރު ބުރިޖު ހުޅުވުމުގެ އުފާ ފާޅުކުރުން ހަތް ދުވަހަށް ކުރިއަށް ގެންދާނެއެވެ. މިި ހަރަކާތްތަކުގެ ތެރޭގައި މާދަމާ ބުރިޖު މަތީ ކުރާ ކައިވެނި ތައް އޮންނާނެއެވެ. ބުރިޖު މަތީގެ ބައިސްކަލު ބުރެއް ހޮނިހިރު ދުވަހު އޮންނާނެއެވެ. އާދިއްތަ ދުވަހު ގައުމީ ޔުނިވާސިޓީގެ ދަސްވެނިވުމުގެ ހަފްލާވެސް ބުރިޖުމަތީ ބާއްވާނެއެވެ.

މީގެ އިތުރުން ސްކޫލު ކުދިންނާއި އެމްއެންޑީއެފްގެ ޕެރޭޑު، ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ޚާއްސަ އިވެންޓުތައްވެސް ބުރިޖު މަތީ ބާއްވާއިރު އާންމު ދަތުރުތަކަށް ހުޅުވާލުމުގެ ކުރިން ބުރިޖު މަތީ ފޮޓޯ ނެގުމުގެ ފުރުސަތުވެސް ރައްޔިތުންނަށް ދޭނެ ކަމަށް ހައުސިން މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ތިން އަހަރާއި 11 މަސް ތެރޭ ބުރިޖުގެ މަސައްކަތް ނިންމާލާ ބުރިޖު ހުޅުވިއިރު މިއީ ޗައިނާއާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުމުގެ ރަމްޒެކެވެ.

ބްރިޖު ހުޅުވުމަށް ބޭއްވި ތާރީޚީ ޖަލްސާގައި ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެފައެވެ. ބްރިޖު ހުޅުއްވައިދެއްވުމާއެކު ލޭޒާ ޝޯ އަދި ބަޑިބޭހުގެ ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.