21 Sep 2011, 12:32
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ސ. ހިތަދޫގައި ތޫނު އެއްޗަކުން ހަމާލާދީ ޒުވާނަކު ޒަހަމްކޮށްލި މައްސަލައިގައި ހައްޔަރުކުރި ހަ މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި ކަމަށް ހިތަދޫ ޕޮލިސް ސްޓޭޝަނުން ބުނެފި އެވެ.
ހިތަދޫ ޕޮލިސް ސްޓޭޝަނުން ބުނީ ހައްޔަރުކުރި ހަ މީހުންގެ ތެރެއިން ފަސް މީހެއްގެ ބަންދުގެ މުއްދަތު ހަތް ދުވަހަށް، އަދި އަނެއް މީހާގެ މުއްދަތު ތިން ދުވަހަށް އިތުރުކޮށްފައިވާ ކަމަށެވެ.
އެ މައްސަލަ ތަހުގީގު ކުރަމުންދާތީ ހައްޔަރުކުރި މީހުންގެ މައުލޫމާތު ދެވެން ނެތްކަމަށް ވެސް ފުލުހުން ބުންޏެވެ.
އެހަމާލަގައި ޒަހަމްވި ހިތަދޫ ދުގެތިމާގޭ ހަސަން ސުޖާއު، 25 އަށް އައިޖީއެމްއެޗްގެ އައިސީޔޫގައި މިހާރު ވެސް ފަރުވާދެމުން އަންނަ ކަމަށާއި، އޭނާގެ އާއިލާ އިން މީޑިއާއަށް މައުލޫމާތު ނުދިނުމަށް އެދިފަވާތީ އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ދެވެން ނެތްކަމަށް އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ޒީނަތު އަލީ ހަބީބު ވިދާޅުވި އެވެ.