30 Aug 2018, 22:51
މާލެއާ ހުޅުލެއާ ދެމެދު އެޅިގެން ދިޔަ ސިނަމާލެ ބްރިޖުގެ ސަބަބުން ގުޅިގެން ދިޔައީ ދެ ރަށް އެކަނި ނޫން ކަމަށާއި، ބްރިޖުގެ ސަބަބުން ރާއްޖެއާއި ޗައިނާގެ ރައްޔިތުންގެ ހިތްތައްވެސް ގުޅިގެން ގޮސްފި ކަމަށް ޗައިނާ ޑިވެލޮޕްމެންޓް ކޯޕަރޭޝަން އެޖެންސީގެ ޗެއާމަން ވަންގް ޝިއާއޮ ޓާއޯ ވިދާޅުވެއްޖެއެވެ.
މިރޭ ސިނަމާލެ ބްރިޖު ރަސްމީކޮށް ހުޅުވި އިރު، އެ ރަސްމިއްޔާތުގައި ޗައިނާގެ ރައީސް ޝީ ޖިން ޕިންގްގެ ޚާއްސަ މަންދޫބުގެ ހައިސިއްޔަތުން ބައިވެރިވެވަޑައިގެން، ވަން ޝިއާއޮ ޓާއޯ ވިދާޅުވީ ސިނަމާލެ ބްރިޖަކީ ދެ ގައުމުގެ ގުޅުން ދައްކުވައިދޭ ވަރުގަދަ ރަމްޒެއް ކަމަށެވެ.
އޭނާ ވިދާޅުވީ މިއީ ދެގައުމުގެ ގުޅުމުގެ އާ ބާބެއްގެވެސް ރަމްޒެއް ކަމަށެވެ.
ބުރިޖު ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަންގް ވިދާޅުވީ ޗައިނާއާ ރާާއްޖެއާކީ ޒަމާންވީ ރަހުމަތްތެރިން ކަމަށާއި އަދި ދެގައުމުންވެސް ދެގައުމުގެ މަންފައާއި ލާބައަށް އަބަދުވެސް މަސައްކަތް ކުރާ ކަމަށެވެ.

ސިނަމާލެ ބުރިޖު--- ސަން ފޮޓޯ: ފަޔާޒު މުސާ
"ޗައިނާއިން ރާއްޖޭގެ ތަރައްގީއަށް އަބަދުވެސް ދަނީ އެހީތެރިކަން ފޯރުކޮށްދެމުން. އެގޮތުން ޗައިނާއިން ރާއްޖޭގައި ގެދޮރު އިމާރާތް ކުރުމަށާއި އަދި ލާމް ލިންކް ރޯޑް ހެދުމަށް ވަނީ އެހީތެރިވެދީފައި،" ވަންގް ވިދާޅުވިއެވެ.
ވަންގް ވިދާޅުވީ ޗައިނާއާ ރާއްޖެއަކީވެސް ތަރައްގީވަމުން އަންނަ ދެ ގައުމުކަމަށާއި އެހެންކަމުން ދެ ގައުމުގެވެސް އަމާޒަކީ އިގްތިސާދު ހަރުދަނާކޮށް ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުން ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ދެ ގައުމު ގުޅިގެން އިތުރަށް މަސައްކަތް ކުރާނެ ކަމަށާއި އަދި އޭގެން ހަގީގީ މަންފާ ރައްޔިތުންނަށް ކުރާނެ ކަމަށެވެ.

ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ: ފަޔާޒު މޫސާ
ވަންގް ވިދާޅުވީ ޗައިނާއާ ރާއްޖެއާ ދެގައުމުންވެސް އެއް ގައުމު އަނެއް ގައުމަށް ފުރިހަމައަށް އިހުތިރާމްކޮށް އެހީތެރިކަން ފޯރުކޮށްދެމުންގެންދާ ކަމަށެވެ. އަދި އެ ދެ ގައުމުގެ ބޮޑު މިނުުގައި ކިތަންމެ ބޮޑު ފަރަގެއް ހުރި ނަމަވެސް ރާއްޖެއާ ޗައިނާއިން ހަމަހަމައަށް އެއްބާރުލުންދީ ރަހުމަތްތެރިކަން އާލާކުރުމަކީ އެހެން ގައުމުތަކަށް މިސާލެއް ކަމަށެވެ.
ދުނިޔޭގެ މަޝްރަހަށް ބަދަލުތަކެއް އައި ނަމަވެސް ޗައިނާއިގެ ރާއްޖޭގެ ރަހުމަތްތެރިއެއްގެ ގޮތުގައި އޮންނާނެ ކަމަށްވެސް ވަންގް ވިދާޅުވިއެވެ.
"ޗައިނާއިން އަބަދުވެސް ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް އިހުތިރާމްކުރާނެ" ވަންގް ވިދާޅުވިއެވެ.