މިރޭ ބޭއްވި ސިނަމާލޭ ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތަށް އިދިކޮޅު އިއްތިހާދަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލީސް މެމްބަރުންގެ ތެރެއިން ކޮމަންޑޫ ދާއިރާގެ މެމްބަރު އަހުމަދު ނާޝިދު (އޭޑީކޭ ނާޝީދު) އާއި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު (މަވޯޓާ ޝަރީފު) ވަޑައިގެންފި އެވެ.

ހައުސިން މިނިސްޓަރު މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތަށް ހުރިހާ މަޖިލިސް މެންބަރުންނަށް ދައުވަތު ދީފައިވާނެ ކަމަށާއި އޭގެ ތެރޭގައި އެމްޑީޕީއާއި ޖުމްހޫރީ ޕާޓީ އަދި އަދާލަތު ޕާޓީގެ މެންބަރުންވެސް ހިމެނޭ ކަމަށެވެ.

ހުރިހާ މެމްބަރުންނަށް ދައުވަތު ދެއްވި ނަމަވެސް މިއަދުގެ ރަސްމިއްޔާތަށް ވަޑައިގަތީ ހަމައެކަނި އޭޑީކޭ ނާޝިދާއި މަވޯޓާ ޝަރީފެވެ. އެ ދެބޭފުޅުން ރަަސްމިއްޔާތަށް ވަޑައިގެންނެވީތީ ވިލިމާލޭ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ހުސެއިން މަނިކު ވަނީ މަރުހަބާ ދަންނަވާފަ އެވެ.

ސިނަމާލެ ބްރިޖު ހުޅުވާ ރަސްމިއްޔާތުގައި ކުރިއަށް ގެންދަން ނިންމާފައިވާ ހަވާ އެރުވުމާއި ލޭޒާ ޝޯ އަށް ތިން މިލިއަން ޑޮލަރު (46 މިލިއަން ރުފިޔާ) ހަރަދު ކޮށްފައިވާ ކަމަށް ބުނެ މިއަދު އިދިކޮޅުން ވަނީ އެއީ އިސްރާފެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.

މިރޭ ސިނަމާލެ ބްރިޖު ހުޅުވާފައިވާއިރު، ބްރިޖު ހުޅުވުމަށް ވަނީ ކުލަގަދަ ބަޑިބޭހުގެ ހަރަކާތްތައް ދައްކާލައިފަ އެވެ. އަދި ބްރިޖާ ގުޅޭ ޕްރެޒެންޓޭޝަންތައް ވެސް ދެއްކި އިރު އެކި ލަވައާއި ނެށުމުގެ އައިޓަމްތައް ކުރިއަށް ގެންގޮސްފައިވެ އެވެ.

ސިނަމާލެ ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ހުރިހާ ރަށަކާއި ހުރިހާ އުމުރެއްގެ މީހުން ތަމްސީލުވާނެހެން މީހުން ބައިވެރިވި އެވެ.