ސިނަމާލެ ބުރިޖަކީ ނަނާ ހުވަފެނެއް ނޫންކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާލެ އާއި ހުޅުލެ އަދި ހުޅުމާލެ ގުޅާލާ ތާރީޚީ ބުރިޖު ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހައުސިން މިނިސްޓަރު މުއިއްޒު ވިދާޅުވީ ފާއިތުވި ހަތަރު އަހަރު ތެރޭ ރައީސް ޔާމީން އާ ކުރިމަތިވި ހުރިހާ "ހަނގުރާމައެއްގެ ތެރޭގައި" ޒަހަމްވެ ވަޑައިގެންވެސް ރައްޔިތުން އެދޭ ތަރައްގީ ގެނެސްދެއްވުމަށް ރައީސް ބޭނުންފުޅުވެލައްވާ ކަމަށެވެ.

"މިއީ ނަނާ ހުވަފެނެއް ނޫން. އެކަމަކު މިއީ ބިނާ ހުވަފެނެއް. މިއީ އަތްލްވޭ ހަގީގަތް، އުފާ ލިބޭ މަންފާ ލިބޭ އަވަސް ފަހި ރާސްތާ،" މިރޭގެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވިއެވެ.

"ދިރުމެއް އޮތިއްޔާ އުންމީދެއް އޮންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވާ ވާހަކަފުޅުގެ މާނަ، އޭގެ އާދަޔާ ޚިލާފު އެއް ހަގީގަތް މިއަދު ދިވެހި ތާރީޚު މި ވަނީ ބައްދަލުކޮށްފައި. މިހިނދު ދިވެހި ރައްޔިތުން މިދެކެނީ ރާއްޖޭގެ ތަރައްގީ ތަނަވަސްވެ، ފުޅާވަމުންދާ ތަން،" މުއިއްޒު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ބުރިޖަކީ ރާއްޖޭގެ ތާޜީޚް ބަދަލުކޮށްލި އިންގިލާބީ ތާރީޅީ ބިނާ އެއް ކަމަށެވެ. ބްރިޖުގެ މަންފާ އެތައް ދާއިރާއަކުން ރާއްޖެއަށާއި ރައްޔިތުންނަށް ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ސިނަމާލެ ބުރިޖު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ: ފަޔާޒު މުސާ

"މިއީ ވިޔަފާރި އާއި އިގްތިސާދީ ތަރައްގީގެ ބުރިޖު. މިއީ ދޭދޭ ރަހުމަތްތެރިކަން ބަދަލު ކުރުމުގެ ބުރިޖު،" މިނިސްޓަރު ވިދާޅުވީ ބްރިޖާއެކު ދިވެހިންގެ އާންމު އާމްދަނީ އެތައް ގުނައަކަށް ތަނަވަސްވެގެންދާނެ ކަމަށެވެ.

މިނިސްޓަރު ވަނީ ބުރިޖުގެ މަޝްރޫއު ހަގީގަތަކަށް ހައްދަވައިދެއްވީތީ ރައީސް ޔާމީން އަށާއި ޗައިނާގެ ރައީސް ޝީ ޖިން ޕިންގްއަށް ޝުކުރު ދަންނަވައިފައެވެ. މިއީ ދެ ރައީސުންގެ ގުޅުމުގެ ތެރެއިން އުފެދުނު ބުރިޖެއްކަމަށް ވެސް ހައުސިން މިނިސްޓަރު ވިދާޅުވިއެވެ.

"ބުރިޖު އެޅުމުގެ ދިރާސާތައް ކުރުމާއި އިމާރާތްކުރަން ޖެހޭތަނަކީ މާސިންގާ ފުން ކަނޑަކަށްވާތީ އުފުލަންޖެހޭނެ ބުރައާއި ބަލަންޖެހޭނެ ބެލުންތަކާއި އެކަމަށް އޮތް ވަގުތާމެދު އަޅުގަނޑަށްވެސް ހިޔާލު ކުރެވުނު،" ބުރިޖުގެ މަސައްކަތް ކުރިއަށްދާގޮތް ބެލުމަށް ދިވެހި ސަރުކާރުގެ ފަރާތުން އެންމެ އިސްކޮށް ހަރަކާތްތެރިވެލެއްވި ވަޒީރު ވިދާޅުވިއެވެ.

މިނިސްޓަރު މުއިއްޒު ވިދާޅުވީ ސިނަމާލެ ބުރިޖުގެ އިތުރުން އެހެން ބުރިޖުތައް އަޅަން ޖެހިފައިވާކަމަށެވެ. އެ ބުރިޖުތަކަކީ އަޚުވަންތަކަމުގެ ގުޅުމާއި ދޭދޭ މީހުންގެ ދެމެދުގައި އޮންނަ ގުޅުމާއި އަޚުވަންތަކަމުގެ ގުޅުން ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ރާއްޖެ އަރައިގަތުމަށް ދިވެހިންގެ ބަޔަކު ބޭރު ބަޔަކަށް ގޮވައިލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ހައުސިން މިނިސްޓަރު މިރޭ ވިދާޅުވިއެވެ.

މިނިވަންކަމަކީ ކިހާ އަގުބޮޑު ނިއުމަތެއްކަން އެ ނިއުމަތް ގެއްލިގެން ދިއުމުގެ ކުދިން ދެނެގަތުމަށް މިނިސްޓަރު ގޮވާލެއްވިއެވެ.