ގއ. ކޮލަމާފުށީގެ ޕީޕީއެމް ޖަގަހަ ކުރިމަތީގައި ދަމާފައި ހުރި އެ ޕާޓީގެ ދިދަތަކެއް ކަނޑާލައި އެ ޖަގަހައަށް ގެއްލުން ދިންކަމުގެ ތުހުމަތުގައި ހައްޔަރު ކުރި 18 މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.

ފުލުހުންގެ އިންފޮމޭޝަން އޮފިސަރު "ސަން" އަށް ވިދާޅުވީ ހައްޔަރު ކުރި މީހުންގެ ބަންދަށް ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުން 15 ދުވަސް ޖަހާފައިވާ ކަމަށެވެ. އެމީހުން މިހާރު ބަންދުކޮށްފައި ތިބީ ގއ. ވިލިނގިލީ ކަސްޓޯޑިއަލްގައެވެ.

ކޮލަމާފުށީގައި ދަމާފައި ހުރި ޕީޕީއެމްގެ ދިދަތަށް ކަނޑާލާ މަންޒަރު ފެންނަ ވީޑިއޯތަކެއް، ސޯޝަލް މީޑިއާގައި މިހާރު އަންނަނީ ދައުރުވަމުންނެވެ. ޕީޕީއެމްގެ ގިނަ އަދަދެެއްގެ ދިދަތައް ކަނޑާލާފައި ހުންނަ މަންޒަރު އެ ވީޑިއޯތަކުން ފެނެއެވެ. އަދި ދިދަތައް ކަނޑާލި މީހުންނާ، ޕީޕީއެމް ސަޕޯޓަރުންނާ ދެމެދު ޒުވާބުކުރާ މަންޒަރުވެސް ބައެއް ވީޑިއޯތަކުން ފެނިގެންދެ އެވެ.

ޕީޕިއެމުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ، ޕީޕީއެމް ތަކެއްޗަށް ގެއްލުން ދިން މީހުން، އެ ޕާޓީގެ ސަޕޯޓަރުންނާ ކުރިމަތިލައި، މާރާމާރީ ހިންގިކަމަށެވެ. އަދި މާރާމާރީގައި އަނިޔާވި ޕީޕީއެމްގެ 10 ސަޕޯޓަރަކަށް އެ ރަށު ސިއްހީ މަރުކަޒުގައި ފަރުވާދޭން ޖެހުނު ކަމަށް ނިހާން ވިދާޅުވިއެވެ.

މިވަގުތު ކޮލަމާފުށީގެ މާހައުލު އޮތް ގޮތަށް ބަލާފައި، މިއަދު ފުލުހުން ވަނީ އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު ކެމްޕެއިންގައ އެރަށަށް ވަޑައިނުގަތުމަށް ވެސް އެދިވަޑައިގެންފަ އެވެ. އެހެން ނަމަވެސް އިބޫ ވަނީ އެ ރަށަށް ވަޑައިގަތުމަށް ނިންމަވާފަ އެވެ.