30 Aug 2018, 20:39
ސިނަމާލެ ބްރިޖުގައި ދަތުރުކުރާ ބަސްތަކާއި ޓެކްސީތަކުގެ ގިމަތަ ބޭނުންކުރާނެ ގޮތް އާންމުކޮށްފިއެވެ.
ހުޅުމާލެ ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން މިއަދު އާންމު ކުރި އިއުލާންގަިއ ބުނީ މާލެ އާއި ހުޅުމާލެއާ ދެމެދު ދަތުރުކުރުމަށް ހާއްސަ ކޮށްފައިވާ ބަސް މަޑުކުރުމަށް ކަނޑައެޅިފައިވަނީ ބަސް ގިމަތައިގެ ދެކުނު ފަރާތުން ބަސް ހުއްޓުމަށް ކަނޑައަޅާފައިވާ ބަސް ހުއްޓި ކައިރިއަށް ކަމަށެވެ.
އަދި ހުޅުމާލެއާ މާލެއާ ދޭތެރޭ ދަތުރުކުރުމަށް ކަނޑައަޅާފައިވާ ބަސް ހުޅުމާލެއިން ދަތުރު ފެށުމަށް ހަމަޖެހިފައިވަނީ ބަސް ގިމަތައިގެ އުތުރު ފަރާތުން ބަސް ދަތުުރު ފެށުމަށް ހާއްސަކޮށްފައިވާ ބަސްހުއްޓިން ކަމަށް އެޗްޑީސީން ބުންޏެވެ.

ބުރިޖުގައި ދަތުރުކުރާ ބަސްތަކާއި ޓެކްސީތަކުގެ ގިމަތަ ބޭނުންކުރާނެ ގޮތުގެ ޗާޓު-- ފޮޓޯ: އެޗްޑީސީ
އެޗްޑީސީން ބުނީ ހުޅުމާލޭގައި ދަތުރުކުރާ ބަސްތައް ބޭނުންކުރުމަށް ކަނޑައެޅިފައިވަނީ ނިރޮޅުމަގުގައި ގާއިމްކޮށްފައިވާ ބަސްހުއްޓިން ކަމަށާއި އަދި ބަސްތައް ބޭނުންކުރާންވާނީ ނިރޮޅުމަގުގެ ދެވަނަ ލޭނުންް ކަމަށެވެ.
އޭގެ އިތުރުން ބަސް ގިމަތަ ބޭނުންކުރާ ޓެކްސީތައް ދަތުރުކުރަން ވާނީ ބަސް ގިމަތައިގެ އިރުމަތީ ފަރާތުން ޓެކްސީ އަށް ހާއްސަ ކުރެވިފައިވާ ލޭނުން ކަމަށާއި އަދި މަޑުކުރަން ވާނީ ބަސް ގިމަތައިގެ އިރުމަތީ ފަރާތުގައި ޓެކްސީ ހުއްޓުމަށް ކަނޑައެޅިފައިވާ ޓެކްސީ ހުއްޓި އަށް ކަމަށް އެޗްޑީސީން ބުންޏެވެ.

ބުރިޖުގައި ދަތުރުކުރާ ބަސްތަކާއި ޓެކްސީތަކުގެ ގިމަތަ ބޭނުންކުރާނެ ގޮތުގެ ޗާޓު-- ފޮޓޯ: އެޗްޑީސީ
އެޗްޑީސީން ބުނީ ބަސް ގިމަތަ ބޭނުން ކުރާ އެހެނިހެން އުޅަނދުތައް ދަތުރުކުރަން ވާނީ ބަސް ގިމަތައިގެ ހުޅަނގު ފަރާތުން ދަތުރުކުރުމަށް ހާއްސަކޮށްފައިވާ ލޭނުން ކަަމަށާއި އަދި އުޅަނދުތައް ހުއްޓުވަންވާނީ ގިމަތައިގެ އިރުމަތީ ފަރާތުގައި ކަނޑައަޅާފައިވާ ސަރަހައްދުގައި ކަމަށެވެ.
ހުޅުލެ-ހުޅުމާލެ ގުޅޭ ސަރަހައްދުގައި ތަރައްގީކުރި ބަސް ގިމަތައިގެ މަސައްކަތް ނިންމާލާފައިވާ އިރު މިހާރު ކުރިއަށްދަނީ ލައިޓު ހަރުކުރުން ފަދަ މަސައްކަތްތައް ކަމަށް އެޗްޑީސީއިން ބުނެއެވެ.
ބަސް ޓާމިނަލް ސަރަހައްދުގައި އެއްފަހަރާ ދެ ބަހަށް ޚިދުމަތް ދެވޭނެ ކަމަށް އެޗްޑީސީއިން ބުނެއެވެ.
އެމްޕީއެލުން މީގެ ކުރިން ބުނީ ޓިކެޓުގެ ބަދަލުގައި ޓަޗް އެންޑް ގޯ ޓެކްނޮލަޖީ ބަސް ދަތުރު ތަކުގައި ބޭނުންކުރާނެ ކަމަށެވެ. އޭގެ އިތުރުންް ސިޓީ ޗެކިންގެ ހިދުމަތް ވެސް ބަސް ޓާމިނަލްތަކުގައި ދޭނެއެވެ.