30 Aug 2018, 17:20
ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް ނުވަތަ ސިނަމާލެ ބްރިޖް ހުޅުވިގެން ދިއުމަކީ މުޅި ރާއްޖެއަށް ވެސް ވަރަށް ތާރީހީ ވަގުތުކޮޅެއް ކަމަށް ކުރީގެ ރައީސް ޑރ. ވަހީދު ހަސަން މަނިކް މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް ވަހީދު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނާއި ޗައިނާގެ ރައީސް ޝީ ޖިން ޕިން އަށް ތަހުނިޔާ ވިދާޅުވި އެވެ.
ޑރ. ވަހީދު ވިދާޅުވީ، ބްރިޖަކީ ރައީސް މުހައްމަދު ނަޝީދުގެ ތަސައްވުރެއް ކަމަށެވެ. ނަމަވެސް، ބްރިޖުގެ ހުވަފެން ހަގީގަތަކަށް ހައްދަވައިދެއްވީ ރައީސް ޔާމީން ކަމަށާއި، އެކަމުގެ ހުރިހާ ތައުރީފެއް ހައްގު ވަނީ އެ މަނިކުފާނަށް ކަމަށް ޑރ. ވަހީދުގެ ޕޯސްޓްގައި ވިދާޅުވެފައި ވެއެވެ.
ރާއްޖޭން، ޗައިނާ އަށް ކުރިން ކަނޑައަޅާފައި ހުރި ސަފީރު މުހައްމަދު ރަޝީދު އާއި، މިހާރުގެ ސަފީރު މުހައްމަދު ފައިސަލަށް ވެސް ރައީސް ވަހީދު ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.
ޑރ. ވަހީދު ވިދާޅުވީ، ބްރިޖުގެ މަޝްވަރާތައް އިސް ވެރިންގެ ލެވަލްގައި ފެށިގެން ދިޔައީ އެ މަނިކުފާނުގެ ވެރިކަމުގައި ކަމަށެވެ. އެގޮތުން، ޗައިނާގެ ޕްރިމިއާ ވެން ޖިގަބޫއާއެކު ބްރިޖު މަޝްރޫއުގެ ފުރަތަމަ މަޝްވަރާތައް ބޭއްވީ ޑރ. ވަހީދު ކަމަށް އެ މަނިކުފާނުގެ ވިދާޅުވި އެވެ.
މިރޭ ރަސްމީކޮށް ހުޅުވާ ސިނަމާލެ ބްރިޖު އާންމު ދަތުރުތަކަށް ހުޅުވާލާނީ ސެޕްޓެމްބަރު މަހުގެ ހަތް ވަނަ ދުވަހު ކަމަށް ހައުސިން މިނިސްޓްރީން ބުނެ އެވެ.