21 Sep 2011, 12:25
ބޮލަށް ލިބުނު އަނިޔާއަކާއި ގުޅިގެން ތިން ހަފްތާ އަނިޔާގައި ހުރުމަށް ފަހު މިރޭ ކާލިންގް ކަޕްގައި ފުލަމް އާއި ދެކޮޅަށް ޗެލްސީ ކުޅޭ މެޗަށް ނުކުތުމަށް ގްރަގްބާ ތައްޔާރު ވެއްޖެ އެވެ.
ޕްރެމިއާ ލީގުގައި ނޮވިޗް އާއި ދެކޮޅަށް ޗެލްސީ އިން ކުޅުނު މެޗުގައި އިދިކޮޅު ޓީމުގެ ކީޕަރު ޖޯން ރޫޑީ އާއި ޑްރަގްބާއާ އެކު ޖެހުނު ގޮތަކުން އޭނާގެ ބޮލަށް ވަނީ އަނިޔާވެފަ އެވެ. މިރޭގެ މެޗުގައި ޑްރަގްބާ އާއެކު ޗެލްސީގެ ފޯވާޑް ލައިނުގައި ހަރަކާތްތެރި ވޭނެ ކަމަށް ބޮޑަށް ބެލެވެނީ ޒުވާން ފޯވާޑް ރޮމެލޫ ލުކާކޫ އެވެ. މިރޭ ގެ މެޗުގައި ޒުވާން ލޭ ބޭނުން ކުރާނެ ކަމަށް ޗެލްސީގެ ކޯޗް އަންދުރޭ ވިލްސް ބޮއަސް ވަނީ ބުނެފަ އެވެ.
"މިއީ އަހަރެމެން މުޅިން ތަފާތު އަޒުމަކާ އެކު ނުކުންނަ މެޗެއް. ހޯދޭނެ އެންމެ ގިނައަކުން މުބާރާތް ތައް ކާމިޔާބުކުރަން އަހަރެން ބޭނުން. އަހަރެމެން ކާލިންގް ކަޕް ގައި ބަލާނީ ޒުވާން ކުޅުންތެރިންނަށް އިސްކަންދީ އެމީހުންގެ ކުޅުން ދައްކާލަން. ޓީމުގައި މިމުބާރާތް ކާމިޔާބު ކުރެވޭނެ ފަދަ މޮޅެތި ކުޅުންތެރިން އެބަ ތިބި." ޗެލްސީގެ ކޯޗު ވިލަސް ބޮއަސް ބުންޏެވެ. "ޑްރަގްބާ މިހާރު އަނިޔާއިން ރަނގަޅުވެ މެޗަށް ނުކުންނަން ހުރީ ތައްޔާރަށް. އެއީ ޓީމަށް ލިބިގެންދާނެ އިތުރު ހިތްވަރެއް."
މިރޭގެ މެޗުގައި ޗެލްސީ ޓީމުން ލުކަކޫ، ޖޯޝް މެކްއޭކްރެން، އޮރިއޮލް ރޮމެއޫ އަދި ޑިފެންޑަރު ރަޔަން ބާޓްރަންޑް ފަދަ ޒުވާން ކުޅުންތެރިން ފެނުން ގާތެވެ. ޗެލްސީގެ އިތުރުން މިރޭ ލިވަޕޫލް އާއި މެންޗެސްޓާ ސިޓީގެ މެޗުތައް ވެސް ކާލިންގް ކަޕުގައި ކުރިއަށް ދާނެ އެވެ. ތިރީގައި އެވަނީ މިރޭ ކުޅޭ މެޗުތަކުގެ ޝެޑިއުލެވެ.
23:45 : ބްރައިޓަން – ލިވަޕޫލް
23:46 : ކާޑިފް ސިޓީ – ލީޗެސްޓާ ސިޓީ
23:45 : ޗެލްސީ – ފުލަމް
23:45 : މެންޗެސްޓާ ސިޓީ – ބާމިންގްހަމް
23:45 : ސައުތެމްޕްޓަން – ޕްރެސްޓަން ނޯތް އެންޑް
00:00 : އެވަޓަން – އެސްޓް ބްރޮމްވޮޗް އަލްބިއޯން