މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވޭނެ މާހައުލެއް މިވަގުތު ރާއްޖޭގައި ގާއިމް ކުރެވިފައި އެބަ އޮތް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފި އެވެ.

އެޗްއާރްސީއެމް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ގައުމެއްގެ ދިމިގްރާތީ ހަޔާތުގައި ރައްޔިތުންނަށް ކަށަވަރުކޮށްދޭންޖެހޭ އެންމެ މުހިންމު ހައްގަކީ، މިނިވަންކަމާ ހަމަހަމަކަމާއެކު ނުފޫޒުން އެއްކިބާވެ ވޯޓުލުމުގެ ހައްގު އެންމެހާ ރައްޔިތުންނަށް ކަށަވަރުކޮށްދިނުން ކަމަށާއި، އަންނަ މަހު އޮންނަ ރިޔާސީ އިންތިހާބުގައި އެ ހައްގު އަދާ ކުރުމުގެ ފުުރުސަތު އޮންނަންވާނެ ކަމަށެވެ.

މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވޭނެ މާހައުލެއް އޮތްތޯ ކަށަވަރު ކުރުމަށް ތިން ބަޔަކަށް ބަހާލައިގެން މަސައްކަތް ކުރަމުންދާ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަވެ. އެގޮތުން އިންތިހާބުގެ ކުރިން ހިނގާ ކަންތައްތައް ދެނެގަތުމަށާއި، ވޯޓުލާ ދުވަހު އިންތިހާބު އޮބްޒާވް ކުރުމާއި އަދި އިންތިހާބުގެ ފަހުން ހިނގާ ކަންކަން ބެލުމަށް ރޭވިފައިވާ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން އިންތިހާބާ ގުޅުންހުރި ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކަށް އައިސްފައިވާ ބަދަލުތައް ދިރާސާ ކުރުމުގެ މަސައްކަތާއި، އިންތިހާބުގެ ކުރިން ހިނގާ ކަންތައްތައް ދެނެގަތުމުގެ ގޮތުން ހަބަރު ފަތުރާ ވަސީލަތްތަކާއި މީޑިއާގެ އެކި ވަސީލަތްތައް މޮނީޓާ ކުރުމާއި، ކަމާ ގުޅުންހުރި ސިޔާސީ ޕާޓީތަކާއި ބައްދަލުކުރުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް އެޗްއާރްސީއެމް އިން ވަނީ ބުނެފަ އެވެ. އަދި އިންތިހާބާ ގުޅޭ ގޮތުން ކޮމިޝަނަށް ހުށަހެޅި މައްސަލަތަކާއި ކޮމިޝަނަށް ފާހަގަވި ކަންކަމާ ބެހޭގޮތުން ކަމާ ގުޅުންހުރި މުއައްސަސާތަކާ ބައްދަލުކޮށް އެކަންކަން ހައްލުކޮށްފައިވާ ކަމަށް އެ ކޮމިޝަނުގެ ބަޔާނުގައި ވެއެވެ.

އޭގެ އިތުރުން، ވޯޓުލުމުގެ ހައްގާއި އިންތިހާބާ ގުޅިގެން އާންމުން ހޭލުންތެރިކުރުމުގެ ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ. އަދި ރާއްޖޭގެ އެކި ރަށްތަކަށް ޒިޔާރަތްކޮށް އެ ރަށްރަށުގައި މިނިވަން އިންތިހާބެއް ބޭއްވޭނެ މާހައުލެއް އޮތްތޯ ބަލާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

އެ ކޮމިޝަނުން ބުނީ، މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވޭނެ މާހައުލެއް މިވަގުތު ރާއްޖޭގައި ގާއިމް ކުރެވިފައި އެބަ އޮތް ކަމަށާއި، އެ މާހައުލު ދެމެހެއްޓުމަށް ކަމާ ބެހޭ އިދާރާތަކާއި، ސިޔާސީ ޕާޓީތަކާއި، އަދި އަމިއްލަ ފަރުދުން މަސައްކަތް ކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.

އެބަޔާނުގައި، އިންތިހާބަށް ކެމްޕެއިން ކުރާއިރު ރައްޔިތުންގެ މެދުގައި ރުޅިވެރިކަމާއި ފިތުނަފަސާދަ ނުއުފެދޭ ގޮތަށް ކެމްޕެއިން ކުރުމަށް އެޗްއާރްސީއެމް އިން ވަނީ އިލްތިމާސްކޮށްފަ އެވެ.