30 Aug 2018, 16:47
ކުއަލަލަމްޕޫރު (އޮގަސްޓު 30): މެލޭޝިއާގެ އާއްމު އިންތިހާބުގެ ހަރަދުތަކަށް ކަނޑައަޅާފައިވާ ފައިސާއަށް ހިޔާނާތްތެރިވުމުގެ ތުހުމަތުގައި އެގައުމުގެ ޖާސޫސީ އިދާރާގެ ކުރީގެ ވެރިޔާ ހައްޔަރުކޮށްފި އެވެ.
މެލޭޝިއާގެ އެކްސްޓާނަލް އިންޓެލިޖެންސް އޯގަނައިޒޭޝަންގެ ކުރީގެ ވެރިޔާ ހަސާނާ އަބްދުލް ހަމީދު ހައްޔަރުކޮށްފައި ވަނީ އެންޓި ކޮރަޕްޝަން އޮފިސަރުންނެވެ. އަދި އިއްޔެ އޭނާ ކޯޓަށް ހާޒިރު ކުރުމުން ވަނީ ފަސް ދުވަހަށް މުއްދަތު ޖަހައިފަ އެވެ.
"ހަސާނާ ހައްޔަރުކޮށްފައި ވަނީ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ތުހުމަތުގައި،" މެލޭޝިއާގެ އެންޓި ކޮރަޕްޝަން ކޮމިޝަނުގެ އޮފިޝަލަކު ވިދާޅުވި އެވެ.
މެލޭޝިއާގެ ބޮޑުވަޒީރުގެ ޑިޕާޓްމެންޓުގައި ހުރި އެފައިސާ ވަގަށް ނެގި ކަމަށް ބުނާ މައްސަލާގައި، ޖާސޫސީ އިދާރާގެ އިތުރު ހަތް އޮފިސަރަކާއި ވިޔަފާރިވެރިއަކު ވަނީ ހައްޔަރުކޮށްފަ އެވެ.
އަދި އެއަށް މީހުންނާއި ހަސާނާގެ މައްޗަށް ވަނީ ދައުލަތުގެ 12 މިލިއަން ޑޮލަރަށް ޚީޔާނާތްތެރިވި ކަމުގެ ތުހުމަތުކޮށްފަ އެވެ.
މިދިޔަ މެއި މަހު މެލޭޝިއާގައި ބޭއްވި އިންތިހާބުގެ ކުރިން ހަސާނާ ސީއައިއޭއަށް ލިޔުއްވި ސިޓީއެއް މިދިޔަ މަހު ވަނީ ލީކުވެފަ އެވެ.
އެސިޓީގައި އޭނާ ވަނީ ނަޖީބު ރައްޒާގަކީ އެމެރިކާގެ އެކުވެރިއެއް ކަމަށާއި މަހާތިރު މުހައްމަދަކީ ހުޅަނގާ ދެކޮޅު ފަރާތެއް ކަމަށް ވިދާޅުވެފަ އެވެ. އެހެންކަމުން އެމެރިކާއިން ނަޖީބަށް ތާއިދު ކުރުމަށް އެދިވަޑައިގެންފަ އެވެ.
އެއިންތިހާބުގައި ނަޖީބަށް ލިބުނު ނާކާމިޔާބީއަށް ފަހު، އޭނާގެ މައްޗަށް ވަނީ ކޮރަޕްޝަނުގެ ދައުވާތަކެއް އުފުލާފަ އެވެ. ނަމަވެސް ނަޖީބު ވަނީ އެތުހުމަތުތައް ދޮގު ކުރައްވައިފަ އެވެ.