މިރޭ ހުޅުވާ ސިނަމާލެ ބްރިޖުގައި އެއްގަމު ދަތުރުފަތުރުގެ ގޮތުގައި ބަހުގެ ހިދުމަތް ދިނުމުގެ ލައިސެންސް ޓްރާންސްޕޯޓް އޮތޯރިޓީ އިން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އާ ހަވާލުކޮށްފި އެވެ.

އެ ލައިސެންސް އެމްޕީއެލްއާ ހަވާލުކުރުމަށް މިއަދު ވަނީ ރަސްމިއްޔާތެއް ބާއްވައިފަ އެވެ. އެ ރަސްމިއްޔާތުގައި އެމްޕީއެލްއާ ލައިސެންސް ހަވާލުކޮށްދެއްވީ ޓްރާންސްޕޯޓު އޮތީރިޓީގެ ސީއޯ މަހުދީ އިމާދެވެ. އެމްޕީއެލްގެ ފަރާތުން ލައިސެންސާ ހަވާލުވެވަޑައިގެންނެވީ އެކުންފުނީގެ ސީއީއޯ އިބްރާހިމް އަބްދުލްރައްޒާގު ހަލީމެވެ.

އެމްޕީއެލްއާ ލައިސެންސް ދިނުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--

ހަލީމް މީގެ ކުރިން "ސަން" އަށް ވިދާޅުވީ ބްރިޖުގައި ބަހުގެ ހިދުމަތް ދިނުުމަށް އެމްޕީއެލް އިން ތިން ސައިޒެއްގެ ޖުމުލަ 22 ބަސް ގެންނާނެ ކަމަށެވެ. އެއީ 50-70 މީހުންގެ ޖާގައިގެ ސިންގަލް ޑެކް ބަހާއި، 80-100 މީހުންގެ ޖާގައިގެ ޑަބަލް ޑެކް ބަސް އަދި ލަގެޖާއެކު ދަތުރުކުރެވޭ 40-45 މީހުމްގެ ޖާގައިގެ ޝަޓްލް ބަސް ކަމަށް އޭނާ ވިދާޅުވި އެވެ.

ބްރިޖު ބަސް ދަތުރުތަކަށް އެމްޕީއެލް އިން 100 މިލިއަން ރުފިޔާ އިންވެސްޓު ކުރާ އިރު ބަސް ދަތުރުތަކަށް ނަގާނެ އަދަދު އަދި ހާމަކޮށްފައި ނުވެ އެވެ.