30 Aug 2018, 16:05
ކޮލަމްބޯ (އޮގަސްޓު 30): ސްރީލަންކާގެ ދާހިލީ ހަނގުރާމައިގައި 11 މީހަކު ވަގަށް ނަގައި، މަރާލި މައްސަލާގައި އެގައުމުގެ ސިފައިންގެ ވެރިޔާ ހައްޔަރު ކުރަން ކޮލަމްބޯގެ ކޯޓަކުން އަމުރުކޮށްފި އެވެ.
ލަންކާގެ ޗީފް އޮފް ޑިފެންސް ސްޓާފް، އެޑްމިރަލް ރަވިންދުރަ ވިޖެގުނަރަޓްނާ ހައްޔަރު ކުރަން އަމުރު ކުރީ، އެ 11 މީހުން މެރުމުގައި އިސްކޮށް ހުރި މީހާ ފިލަން އެހީތެރިވުމުގެ ތުހުމަތުގަ އެވެ.
އެއީ ކުރީގެ ޖާސޫސީ އޮފިސަރެއް ކަމަށްވާ ޗަންދަނާ ޕްރަސާދު ހެޓިއަރައްޗި އެވެ. އޭނާ އިސްކޮށް ހުރި ޓީމަކުން، 2008-2009 ވަނަ އަހަރު މަރާލި 11 ޒުވާނުންނަކީ ލަންކާގެ ނޭވީން ގަވާއިދާ ހިލާފަށް ހައްޔަރުކުރި ބައެކެވެ.
ހެޓިއަރައްޗި ހައްޔަރު ކުރަން ލަންކާ ފުލުހުން ހިނގި އޮޕަރޭޝަން ދިގުލައިގެން ދިއުމަށް ފަހު، އޭނާ ހައްޔަރު ކުރެވުނީ މި މަހުގެ ތެރޭގަ އެވެ. އަދި އޭނާ ފިލަން ވިޖެގުނަރަޓްނާ އެހީތެރިވިކަމުގެ ހެކި ލިބިފައިވާ ކަމަށް އެގައުމުގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމެންޓުން ބުނެ އެވެ.
އެ މައްސަލާގައި ލަންކާގެ ނޭވީގެ ކުރީގެ ތަރުޖަމާނެއް ކަމަށްވާ ޑީކޭޕީ ޑިސަނަޔަކާ، މިދިޔަ އަހަރު ހައްޔަރު ކުރި އެވެ. ނަމަވެސް، މިހާރު އޭނާ ހުރީ ކަފާލާތުގެ ދަށުން ދޫކޮށްލާފަ އެވެ. (އޭއެފްޕީ)