ސިނަމާލެ ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތަށް ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު ޕާޓީތަކުގެ މެމްބަރުންވެސް ހިމެނޭ ގޮތަށް، އެ މަޖިލީހުގެ ހުރިހާ މެންބަރުންނަށް ދައުވަތު ފޮނުވާފައިވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހައުސިން މިނިސްޓަރު މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތަށް ހުރިހާ މަޖިލިސް މެންބަރުންނަށް ދައުވަތު ދީފައިވާނެ ކަމަށާއި އޭގެ ތެރޭގައި އެމްޑީޕީއާއި ޖުމްހޫރީ ޕާޓީ އަދި އަދާލަތު ޕާޓީގެ މެންބަރުންވެސް ހިމެނޭ ކަމަށެވެ.

"ހުރިހާ މެންބަރުންވެސް ރަސްމިއްޔާތުގައި ބައިވެރިވެލައްވާނެކަމަށް އުއްމީދު ކުރަން،" މިނިސްޓަރު ވިދާޅުވެފައިވެއެވެ.


ސިނަމާލެ ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ހުރިހާ ރަށަކާއި ހުރިހާ އުމުރެއްގެ މީހުން ތަމްސީލުވާނެހެން މީހުން ބައިވެރިކުރާނެ ކަމަށް މިނިސްޓަރު ވަނީ އިއްޔެ ވިދާޅުވެފައެވެ.

"ރައީސް ޔާމީން ބޭނުންފުޅުވެލައްވަނީ ގިނަ ފަރާތްތަކަކަށް މި ރަސްމިއްޔާތުގައި ބައިވެރިވުމުގެ ފުރުސަތު ދެއްވުމަށް،" މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ދައުވަތު ދެވިގެންދާ މީހުންގެ އިތުރުން، ޖާގަ އޮތް މިންވަރަކުން ރަސްމިއްޔާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި އާޓިފިޝަލް ބީޗުގެ އިތުރުން، ކާނިވާ ސަރަހައްދުގައި ލެޑް ސްކްރީން ބަހައްޓައިގެން، އެ ސަރަހައްދުން ވެސް ރަސްމިއްޔާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.