ސިނަމާލޭ ބްރިޖާ ގުޅޭ މާލެ އާއި ހުޅުލެ އަދި ހުޅުމާލޭގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތްތައް ނިމިފައިވާ ކަމަށް ބުނެފި އެވެ.

ހައުސިން މިނިސްޓްރު ޑރ. މުހައްމަދު މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ބްރިޖާ ގުޅިގެން މާލޭގެ ބޮޑުތަކުރުފާނު މަގުގައި ތާރު އަޅަން ހަމަޖެހިފައިވާ ސަރަހައްދުގެ މަސައްކަތްތައް ނިމިފައިވާ ކަމަށެވެ.

އިންޑަސްޓްރިއަލް ވިލެޖުން ފެށިގެން، ބްރިޖާއި ގުޅޭ ގޮތަށް ހުޅުމާލޭ ޓާމިނަލާއި ހަމަ އަށް ބޮޑުތަކުރުފާނު މަގުގައި ވަނީ ތާރު އަޅާފަ އެވެ. މިނިސްޓަރު ވިދާޅުވީ މިހާރު ކުރިއަށް ދަނީ އެ މަގުތަކުގައި ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ކަމަށެވެ.

ހައުސިން މިނިސްޓްރީން ބުނީ، ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި ބޮޑުތަކުރުފާނު މަގުން ތާރު އަޅަން ބަންދުކުރި ސަރަހައްދު އާންމުންނަށް ހުޅުވާލާނެ ކަމަށެވެ.

ޗްޑީސީގެ އެސިސްޓެންޓް ޑިރެކްޓާ، ހުސެއިން ޒިޔަތު މިއަދު "ސަން" އަށް ވިދާޅުވީ، ހުޅުލެ-ހުޅުމާލެ ލިންކު ރޯޑުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. މިހާރު ކުރިއަށް ދަނީ ސްޓްރީޓް ލައިޓް ހަރުކުރުމާއި، ބަސް ޓާމިނަލާއި، ބަސް ސްޓޮޕާއި ދެމެދުގައި އޮންނަ ސަރަހައްދު ހިޔާކުރުން ފަދަ މަސައްކަތްތައް ކަމަށް އޭނާ ވިދާޅުވި އެވެ.

ބްރިޖާ ގުޅޭ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ނިމުނު ނަމަވެސް، ބްރިޖު އާންމު ދަތުރުތަކަށް ހުޅުވާލާނީ އަންނަ މަހުގެ ހަތް ވަނަ ދުވަހުން ފެށިގެންނެވެ.

މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ނިމުނު އިރު، ބްރިޖު ހުޅުވުމަށް މިރޭ ވަރަށް ކުލަގަދަ ރަސްމިއްޔާތެއް ބާއްވާނެ އެވެ. އެ ރަސްމިއްޔާތުގައި، މި ސަރަހައްދުގައި ބާއްވާ އެންމެ ހިތްގައިމު ބަޑިބޭހުގެ ކުޅިވަރުތައް އޮންނާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެ އެވެ.