30 Aug 2018, 19:46
ސިނަމާލެ ބްރިޖު މަތިން ދަތުރުކުރާ ބަސްތަކުގެ ދަތުރުތަކުގައި ބޭނުންކުރާ ހުޅުމާލޭ ޓާމިނަލުގެ މަސައްކަތްތައް ނިމިއްޖެއެވެ.
ހުޅުލެ-ހުޅުމާލެ ގުޅޭ ސަރަހައްދުގައި ތަރައްގީކުރި ބަސް ޓާމިނަލުގެ މަސައްކަތް ނިންމާލާފައިވާ އިރު މިހާރު ކުރިއަށްދަނީ ލައިޓު ހަރުކުރުން ފަދަ މަސައްކަތްތައް ކަމަށް އެޗްޑީސީއިން ބުނެއެވެ.
އެޗްޑީސީގެ އެސިސްޓެންޓް ޑިރެކްޓާ، އާބަން ޑިވެލޮޕްމެންޓް އެންޑް ޕްލޭނިން ހުސައިން ޒިޔަތު ވިދާޅުވީ، ބަސް ޓާމިނަލް ސަރަހައްދުގައި ހުޅުމާލޭގެ އެތެރޭގައި ދަތުރުކުރާ ބަސްތަކަށް ހާއްސަ ބަސް ސްޓޮޕެއް ވެސް ގާއިމް ކޮށްފައިވާ ކަމަށެވެ.
"މިހާރު ކުރިއަށްދަނީ ސްޓްރީޓް ލައިޓް ހަރުކުރުމާއި، ބަސް ޓާމިނަލް، އާ ބަސް ސްޓޮޕައި، ދޭތެރޭ އޮންނަ ސަރަހައްދު ހިޔާކުރުން ކަހަލަ މަސައްކަތް،" ޒިޔަތު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ހުޅުލެ-ހުޅުމާލެ ލިންކު ރޯޑުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. ބްރިޖާ އެކު ހުޅުމާލޭގެ އެތެރޭގެ މަގުތަކުގެ ޓްރެފިކަށް ވެސް ވަނީ ބަދަލު ގެނެސްފައެވެ.
ބަސް ޓާމިނަލް ސަރަހައްދުގައި އެއްފަހަރާ ދެ ބަހަށް ޚިދުމަތް ދެވޭނެ ކަމަށް އެޗްޑީސީއިން ބުނެއެވެ.
"މާލެކޮޅުން އަންނަ ބަހަށާއި މިކޮޅުން [ހުޅުމާލެއިން] ފުރާ ބަހަށް އެއްފަހަރާ ޚިދުމަތް ދޭނެ،" ޒިޔަތު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ސައިކަލާއި ކާރުު ފަދަ ވެހިކަލްތަކަށް ހާއްސަ ސަރަހައްދަކާއި ބަހަށް ހާއްސަ ސަރަހައްދެއް ޓާމިނަލް ސަރަހައްދުގައި ހުންނާނެ ކަމަށެވެ.
ހުޅުމާލެ-ހުޅުލެ-މާލެ ބަސް ދަތުރުތައް ފަށާއިރު ހުޅުމާލޭގެ އެތެރޭގައި ބަހުގެ ޚިދުމަތްދޭ އެމްޓީސީސީ އިން ބުނީ، ބުރިޖާ ގުޅޭ ބަސް ޓާމިނަލަށް ޚާއްސަ ރޫޓެއްގެ ދަތުރުތައް ފަށާނެ ކަމަށެވެ.
ބްރިޖުގެ ބަސް ދަތުރުގެ ހިދުމަތް ދޭނީ އެމްޕީއެލުންނެވެ. އެމްޕީއެލްގެ އޮފިޝަލަކު ވިދާޅުވީ، ބަހުގެ ހިދުމަތް ދޭން ފެށުމަށްތައްޔާރު ވެފައިވާ ކަމަށެވެ.
"ހިދުމަތް ފެށޭވަރަށް ބަސްތައް ލިބިފައި ހުރީ. މިހާރު މިވަނީ ތައްޔާރުވެފައި ހިދުމަތް ފަށަން،" އޮފިޝަލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މާލޭގައި އަޅާ ވަގުތީ ބަސްޓާމިނަލްގެ މަސައްކަތް ހިދުމަތް ފަށަންވާއިރަށް ނިންމާލެވޭނެ ކަމަށެވެ. އަދި ބަހުގެ ދަތުރުތަކަށް ނަގާނެ އަގު ފައިނަލް ނުވާ ކަމަށާއި އަންނަ ހަފްތާ އަގުތައް އިއުލާނު ކުރާނެ ކަމަށް އޮފިޝަލު ވިދާޅުވިއެވެ.

ބަހުގެ ހިދުމަތްދޭން އެމްޕީއެލް އިން ގެނެސްފައިވާ ބަހެއް ---
އެމްޕީއެލުން މީގެ ކުރިން ބުނީ ޓިކެޓުގެ ބަދަލުގައި ޓަޗް އެންޑް ގޯ ޓެކްނޮލަޖީ ބަސް ދަތުރު ތަކުގައި ބޭނުންކުރާނެ ކަމަށެވެ. އޭގެ އިތުރުންް ސިޓީ ޗެކިންގެ ހިދުމަތް ވެސް ބަސް ޓާމިނަލްތަކުގައި ދޭނެއެވެ.
ސިނަމާލެ ބްރިޖު މަތިން ކުރާ ދަތުރުތައް ފަށާނީ އަންނަ މަހުގެ ހަތްވަނަ ދުވަހު އެވެ. ބްރިޖު ރަަސްމީކޮށް ހުޅުވުމަށް ކުލަގަދަ ހަފްލާއެއް މިރޭ އޮންނާނެއެވެ.