30 Aug 2018, 13:48
މިރެއަކީ ހުރިހާ ގޮތަކުން ވެސް ދިވެހިންނަށް ޚާއްސަ ރެއެކެވެ. ވަރަށް ޚާއްސަ ރެއެކެވެ. ދިވެހި ތާރީހު ދުށް އެންމެ ބޮޑު އުމްރާނީ ތަރައްގީގެ މަސައްކަތުގެ ކާމިޔާބު ނިމުން ފާހަގަކުރާ ރެއެވެ.
ބްރިޖު ހުޅުވާ ރަސްމިއްޔާތަށް މުޅި ގައުމުގެ ސަމާލުކަން މިވަނީ ހުއްޓިފައެވެ. ނަމަވެސް އެންމެންވެސް އިންތިޒާރުކުރަނީ އެހެން ކަމަކަށެވެ؛ ބްރިޖް މަތިން ކުރާ ދަތުރުތަކުގެ އަގުތަކަށެވެ.
މި ސަރަހައްދުގައި ބާއްވާ އެންމެ ވަރުގަދަ ހަވާ އެރުވުމާއެކު މިރޭ ބްރިޖު ހުޅުވާއިރު، އާންމު ދަތުރުތަކަށް ބްރިޖު ހުޅުވާލާނީ އަންނަ މަހުގެ ހަތްވަނަ ދުވަހުއެވެ.
ބްރިޖުގެ މަސައްކަތްތައް ބަލަހައްޓާ، ހައުސިން މިނިސްޓްރީ ބުނީ އޭގެ ކުރިން ބްރިޖުން ދަތުރުކުރާ އުޅަނދުތަކުން ނަގާނެ އަގުތައް އިއުލާނުކުރާނެ ކަމަށެވެ. ބްރިޖު މަތިން ދަތުރުކުރާ އަގުތަކާއި ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާތައް ކުރަމުން އަންނަ ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.
ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު، ބްރިޖު ހުޅުވުމާ ގުޅޭގޮތުން މީޑިއާއަށް މައުލޫމާތު ދެމުން އިއްޔެ ވިދާޅުވީ، ބްރިޖުން ދަތުރުކުރާ އުޅަނދުތަކުން ނަގާ އަގަކީ "އާންމުންނަށް ތަކުލީފަކަށް ނުވާވަރުގެ އަގުތަކެއް"ކަން ޔަގީން ކަމަށެވެ.
ދެން އޮތީ ބްރިޖުގެ ބަސް ދަތުރުތަކުގެ އަގުތަކެވެ. އެމްޕީއެލުން އޮޕަރޭޓު ކުރާ ބަސް ދަތުރުތަކުގެ އަގުތަކާ ގުޅޭ އެއްވެސް މައުލޫމާތެއް އަދި ހާމައެއް ނުކުރެއެވެ.
އެ ކުންފުނިން ބުނީ ބަސް ދަތުރުތަކަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށެވެ. އެމްޕީއެލުން ބުނީ، އަގުތައް ހާމަކުރާނީ ހައުސިން މިނިސްޓްރީން ބުނި ގޮތަށް، ކަމާގުޅޭ ފަރާތްތަކާއެކު މަޝްވަރާ ކުރުމަށްފަހު ކަމަށެވެ.
ސަރުކާރުގެ ފަރާތުން، ދަތުރުފަތުރުގެ އަގުތައް ކަނޑައެޅުމުގެ މަސައްކަތްތައް ކުރިއަށް ގެންދަނީ ޓްރާންސްޕޯޓް އޮތޯރިޓީންނެވެ. ނަމަވެސް ބްރިޖުގެ އަގުތަކާ ގުޅޭ އެއްވެސް މައުލޫމާތެއް އެ ތަނުން މިހާތަނަށް ހާމައެއް ނުކުރެއެވެ.
ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތަށް މުޅި ގައުމުގެ ނަޒަރު ހުއްޓިފައިވާއިރު، މިހާރު އެންމެ ބޮޑު އުންމީދަކީ، މިރޭގެ ރަސްމިއްޔާތުގައި ބްރިޖު ދަތުރުތަކުގެ އަގުތައް ހާމަކުރާނެ ކަމަށެވެ.