21 Sep 2011, 12:00
ލ. ކައްދޫ ރީޖަނަލް އެއާޕޯޓަށް ފުލައިޓު ޖެއްސުން ހުއްދަކުރާ މިންގަޑަށް ވުރެ ދަށުގައި ފަޔާ ކެޓަގަރީ ހުރެގެން ކައްދޫ އެއާޕޯޓް އޮޕަރޭޝަން ވަގުތީ ގޮތުން މެދުކަޑާލައިފި އެވެ.
ކައްދޫ އެއާޕޯޓް ހިންގެވުމާ ހަވާލުވެ ހުންނެވި އަހުމަދު އަލީ މިއަދު ވިދާޅުވީ ހެނދުނު ނުވައެއް ޖަހާ އެހާކަންހާއިރު ފަޔާ ލޮރީގެ ބުރައްކަށް ދިމާވި މައްސަލައަކާ ގުޅިގެން އެއާޕޯޓަށް ޖައްސަން ހުރި ފުލައިޓްތައް ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ކަމަށެވެ.
"އަޅުގަނޑުމެންގެ ޓެކްނީޝަނުން އެކަން ހައްލުކުރެވޭތޯ މަސައްކަތްކުރައްވަމުން ދަނީ. މިބަލަނީ ގަޑިއެއްހާއިރު ތެރޭގައި ރަނގަޅުކުރެވޭނެ ކަމަށް. ލޮރީ ހަލާކުވެފައި އޮތީމާ ރަންވޭ އޮޕަރޭޓެއް ނުކުރެވޭނެ. އެހެންވެ ފުލައިޓްތަކެއް ޖެއްސުން ވަގުތީ ހުއްޓާލާފައި އޮތީ،" އަހުމަދު އަލީ ވިދާޅުވި އެވެ.
ކައްދޫ އެއާޕޯޓަށް ޝެޑިއުލް ފުލައިޓްތައް އޮޕަރޭޓް ކުރާ އައިލެންޑް އޭވިއޭޝަންގެ މީޑިޔާ ކޯޑިނޭޓާ އަލީ ނަޝާތު ހަމީދު މިއަދު ވިދާޅުވީ ކައްދޫ އެއާޕޯޓުގެ ފަޔާ ކެޓަގަރީ ހުންނަން ޖެހޭ މިންގަނޑަށް ވުރެ ދަށުގައި ހުރެގެން ކައްދު އަށް ޖައްސަން ހުރި ބައެއް ފުލައިޓްތައް ކެންސަލް ކޮށްފައިވާ ކަމަށެވެ.
"ފަޔާ ކެޓަގަރީ ރިކުއާރްމަންޓަށް ވުރެ ދަށްވީމާ އަޅުގަނޑުމެންނަކަށް ނެތް ފުލައިޓްތައް ކައްދުއަށް ޖެއްސޭކަށް. އެހެންވެ އަޅުގަނޑުމެން ކެންސަލްކޮށްލައިފިން މާލެ ކައްދޫ ގަން ފުލައިޓް. އޭތި މިހާރު ސީދާ ގަމަށްދާނީ،" ނަޝާތު ވިދާޅުވި އެވެ.
ފުލައިޓް ކެންސަލް ކުރަންޖެހުމުން އެ ކުންފުނިން ދަތުރުކުރާ މީހުން ގެންދިޔުމަށް އެހެން ގޮތްތަކެއް ހަމަޖައްސަމުން އަންނަ ކަމަށް ވެސް އެނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ކައްދޫ އެއާޕޯޓް އާންމު ހާލަތަށް އައުމުން ކުރިއެކޭ ވެސް އެއްގޮތަށް އަލުން ފުލައިޓްތައް ފަށާނެ ކަމަށެވެ.
"އެ މައްސަލަ ހައްލުވީމާ އަލުން ފުލައިޓްތައް ފަށާނަން. ދެން ހުރި ފުލައިޓްތަކާ މެދު ވެސް އަދި ގޮތެއް ނުނިންމަން. މީހުން ގެންދަން އެހެން ގޮތްތަކެއް ރާވަމުން މި ގެންދަނީ،" ނަޝާތު ވިދާޅުވި އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އައިލެންޑް އޭވިއޭޝަނުން ކައްދު އަށް ދަތުރުކުރަން ހަމަޖެހިފައިވާ ޓޫރިސްޓުން އުފުލުމަށް ސީޕްލޭނެއް ޗާޓަރު ކުރުމުގެ މަސައްކަތް އެ ކުންފުނިން މިހާރު އަންނަނީ ކުރަމުންނެވެ.