ތެހެރާން (އޮގަސްޓު 30): އީރާނުން ދުނިޔޭގެ ބާރުތަކާއި އެކު ހަދާފައިވާ ނިއުކްލިއާ އެއްބަސްވުމުން ވަކިވެދާނެ ކަމަށް ބުނެ، އެގައުމުގެ ސުޕްރީމް ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އިންޒާރު ދެއްވައިފި އެވެ.

އީރާނުގެ ރައީސް ހަސަން ރޫހާނީގެ ކެބިނެޓާއެކު ބޭއްވި ބައްދަލުވުމެއްގައި ޚާމަނާއީ ވަނީ ނިއުކްލިއާ އެއްބަސްވުމާ މެދު "އުއްމީދު ކަނޑާލަން" ޖެހިފައިވާ ކަމަށް ވިދާޅުވެފަ އެވެ.

"ނިއުކްލިއާ އެއްބަސްވުމުގެ ސަބަބުން އީރާނަށް ފައިދާ ނުވާ ނަމަ އެއެއްބަސްވުމުން އަހަރެމެން ވަކިވާނަން،" ޚާމަނާއީ ވިދާޅުވި އެވެ.

އާއެއްބަސްވުމެއް ހެދުމަށް އީރާނުން އެމެރިކާއާ އެކު މަޝްވަރާ ނުކުރާނެ ކަމަށްވެސް ޚާމަނާއީ ވިދާޅުވި އެވެ.

މިދިޔަ މެއި މަހު އެމެރިކާއިން ނިއުކްލިއާ އެއްބަސްވުމުން ވަކިވުމާ ގުޅިގެން އީރާނުން ވަނީ އެގައުމު، އެއްބަސްވުމުން ވަކިނުވާނީ ޔޫރަޕުގެ ގައުމުތަކުން ވަކި ޝަރުތުތަކެއް ފުރިހަމަ ކުރުމުން ކަމަށް ބުނެފަ އެވެ.

ނަމަވެސް އެމެރިކާއިން އަލުން، އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެ ސަބަބުން އެ ގައުމުގެ އިގުތިސާދު ވަނީ ވަރަށް ބޮޑަށް ހީނުރުވެފަ އެވެ. އޭގެ ސަބަބުން ރައީސް ރޫހާނީއަށް ވަނީ ގިނަ ބަޔެއްގެ ފާޑު ކިޔުން އަމާޒުވެފަ އެވެ. އަދި އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން ވަނީ ލޭބާ މިނިސްޓަރާއި ފިނޭންސް މިނިސްޓަރު މަގާމުން ދުރުކޮށްފަ އެވެ. (އަލްޖަޒީރާ)