30 Aug 2018, 12:20
ރާއްޖޭގައި 100 އަދި 50 އެމެރިކާ ޑޮލަރުގެ ފޭކް ނޫޓުތަކެއް ދައުރުވަމުން އަންނާތީ އެކަމަށް ބޭންކްތަކުން ސަމާލުވުމަށް، މަރުކަޒީ ބޭންކުން އަންގައިފިއެވެ.
މިކަމާ ގުޅޭގޮތުން ސަމާލުވުމަށް އަންގައި އެމްއެމްއޭއިން އިއްޔެ ބޭންކްތަކަށް ފޮނުވި ސިޓީގައި ބުނެފައިވަނީ، ރާއްޖޭގައި ދައުރުވަމުން އަންނަ ޑޮލަރުގެ ފޭކު ނޫޓުތަކަކީ ވަރަށް ރަނގަޅު ކޮލިޓީއެއްގެ ނޫޓްތަކެއް ކަމަށެވެ.
އެހެންކަމުން، ފޭކް ނޫޓުތައް ދެނެގަތުމަށް ކުރިއަށް ވުރެ ބޮޑަށް ސަމާލުވެގެން ތިބުމަށް އެމްއެމްއޭއިން، ބޭންކުތަކަށް ވަނީ އަންގާފައެވެ. އަދި ފޭކު ނޫޓުތައް އެމްއެމްއޭއަށް ފޮނުވަމުން ގެންދިއުމަށް ވަނީ އަންގާފައެވެ.
މަރުކަޒީ ބޭންކުގެ މީޑިއާ އޮފިޝަލް މުހައްމަދު ނާސިހް "ސަން"އަށް ވިދާޅުވީ، ފޭކު ނޫޓު ދައުރުވާކަން ފާހަގަކުރެވިއްޖެނަމަ އެކަން ބޭންކްތަކަށް އަބަދުވެސް އަންގަމުން ގެންދާ ކަމަށެވެ. އަދި މި ފަހަރުގެ އެންގުމަކީވެސް އެ އުސޫލުގެ ދަށުން އެންގި އެންގުމެއް ކަމަށް ނާއިޝް ވިދާޅުވިއެވެ.
"އެހާ ގިނައިން ދައުރުވާކަން ފާހަގައެއް ނުކުރެވޭ. އަޅުގަނޑުމެން އަބަދުވެސް އެއްވެސް ވަރަކަށް ދައުރުވާކަން ފާހަގަވެއްޖެނަމަ ބޭންކްތަކަށް އަންގަން،" ނާސިހް ވިދާޅުވިއެވެ.