ކުޅަދާނަ ޑައިރެކްޓަރު ޑޭވިޑް ދާވަން ޑައިރެކްޓްކުރާ ފިލްމަކުން އޭނާގެ ފިރިހެން ދަރިފުޅު ވަރުން ދާވަން އަނެއްކާވެސް ފެންނާނެ ކަމަށް ރިޕޯޓްތަކުން ބުނެފިއެވެ.

މީގެ ކުރިންވެސް ވަރުން ވަނީ ބައްޕަގެ ދެ ފިލްމެއްގައި މަސައްކަތް ކޮށްފައެވެ. އެއީ 2014 ގައި ނިކުތް "މެއި ތެރަ ހީރޯ" އާއި މިދިޔަ އަހަރު ނިކުތް "ޖުޑްވާ 2" އެވެ. އެ ފިލްމުތަކުގައި ވަރުން ވަނީ އޭނާގެ މޮޅު އެކްޓިން ދައްކާލާފައެވެ.

ވަރުން ބޮލީވުޑަށް ނުކުތީ ކަރަން ޖޯހަރުގެ ފިލްމު "ސްޓޫޑެންޓް އޮފް ދަ އިޔަރ" އިންނެވެ. ވަރުން އަކީ އޭނާ ކުޅޭ ކޮންމެ ރޯލެއްވެސް އެންމެ ފުރިހަމަޔަށް ކުޅެލާ އެކްޓަރެކެވެ.

ބައްޕަ ޑޭވިޑްގެ ފިލްމެއް އަނެއްކާވެސް ކުޅުމަށް ވަރުން މިވަނީ އެއްބަސްވެފައެވެ. މިހާރު ދަނީ އެ ފިލްމުގެ ސްކްރިޕްޓްގެ މަސައްކަތް ނިންމަމުން ކަމަށް ހަބަރުތައް ލިބިއެވެ. އެ ފިލްމު ވެސް އަންނާނީ ދޭވިޑް ހަދާ "ނަންބަރު ވަން" ސީރީޒްގެ ދަށުން ކަމަށް ވަނީ އަޑުތައް އަރާފައެވެ.

މަޝްހޫރު އެކްޓަރު ގޯވިންދާ ލީޑު ރޯލު ކުޅެފައިވާ "ކޫލީ ނަންބަރު ވަން"، "ހީރޯ ނަންބަރު ވަން"، "ޝާދީ ނަންބަރް ވަން" "ބީވީ ނަންބަރު ވަން" އަދި "ޖޯޅީ ނަންބަރު ވަން" އަކީ ޑޭވިޑްގެ "ނަންބަރު ވަން" ސީރީޒްގެ ދަށުން ގެނެސްދީ ބެލުންތެރިންގެ މެދުގައި މަގުބޫލުވި ފިލްމުތަކެވެ.